ފުވައްމުލަކުގެ ޑްރަގު ކެފޭއެއް ކޯޓުން ބަންދުކޮށްފި؛ މިއީ މާލެއިން ބޭރުން ފުރަތަމަ ކެފޭ

ފުވައްމުލަކުގައި މަސްތުވާތެކެތީ ހިދުމަތް ދެމުން އައި ގެއެއް ނުވަތަ ޑްރަގު ކެފޭއެއް އެ ރަށު ކޯޓުން ނެރުނު އަމުރަކާ އެކު ބަންދުކޮށްފި އެވެ. މިއީ މާލެއިން ބޭރުން މިފަދަ ކެފޭއެއް ބަންދު ކުރި ފުރަތަމަ ފަހަރެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިޔުމުގައިވާ ގޮތުން، ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދު ކުރި ގެއަކީ އެ ރަށު ފުނާޑު އަވަށުގައި ހުންނަ ގުލިސްތާނުގެ އެވެ.
ތަފްސިލު - ފުވަމުއްލަކު މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ފުލުހުން ބުނި ގޮތުގައި، އެ އަމުރު ނެރުފައި ވަނީ ދެ މަހާއި 25 ދުވަހުގެ މުއްދަތަކަށެވެ.
މި އަމުރު ނެރެފައި ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެންނެވެ.
ފުލުހުން ބުނީ:
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް
މިފަދަ ތަންތަނަށް ހުއްދައާ ނުލާ ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތް ގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ
"މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ،" ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން މާލޭގައި މިފަދަ އެތައް ޑްރަގު ކެފޭތަކެއް ގޭގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ބަންދުކޮށްފައިވެ އެވެ. އަދި މި މަހު ކުރީކޮޅު ކޯޓު  އަމުރަކާ އެކު މިފަދަ ކެފޭއެއް މާލޭގައި ފުރަތަމަ ފަހަރަށް ބަންދުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ