’އަދަދު‘ ނޫހުން އާންމުކުރި ’އައިޝާ‘ ޑޮކިއުމަންޓަރީ ދައުރުކުރުން މަނާކޮށް، އެއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހުރިހާ ރައްޔިތުން ތަބާވުމަކީ ލާޒިމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސިލްސިލާކޮށް އެމަނިކުފާން ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައި ވަނީ އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި އަމުރާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޯޓުގެ އަމުރަށް ފުރިހަމައަށް ތަބާވާނެ ކަމަށާއި އެ އަމުރާއި ހިލާފަށް އަމަލު ކުުރުމުގެ އެއްވެސް ފުރުސަތެއް އެމަނިކުފާން ނުދެއްވާނެ ކަމަށެވެ.
”ކޯޓުން ތި އޮތީ ގެގް އޯޑާއެއް ނެރެފައި ތިކަމުގައި، އެހެންވީމާ އެ އަމުރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް، އެއީ އޭގެ ސީދާ ޖަވާބަކީ“ ކަމަށެވެ. އަދި އެއީ ކޯޓު އަމުރެއް އޮތް ކަމަކަށް ވާތީ އެއްވެސް ރައްޔިތަކު އެއާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެގެން ނުވާނެ“ ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާކޮށް ދީފައި އޮތް ގައުމު ކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ފާހަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ވަނީ ނޫސްވެރިންނަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވާފައެވެ. އަދި މިއީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި، ތިން ބާރު ވަކިވެފައި އޮންނައިރު ޝަރުއީ ދާއިރާގެ ކަންކަން ހިނގާނީ އެ ދާއިރާގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
’އައިޝާ‘ ޑޮކިއުމަންޓަރީގައި ރައީސް މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ މައްސަލަ ބަލަން ފެށިތާ 14 ދުވަސް ތެރޭގައި ’އަދަދު‘ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ. މި މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ރެއިޑުކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސް، ފިޔާޒާއި ހަސަން ރާއްޖެއިން ފުރުން ވެސް މަނާކޮށްފައެވެ. ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ވަނީ މި ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
ޑޮކިއުމަންޓަރީއާއި ގުޅިގެން ކޯޓުން ނެރުނު އަމުރަށް ތަބާވާން ޖެހޭނެ، އެއީ ލާޒިމް ކަމެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ