ކަރަންޓު ކެނޑުން މައްސަލައިގައި މީކާއީލްގެ ބޮޑެތި ފާޑުކިޔުންތަކެއް: ”މިއީ ސަރުކާރުގެ ފެއިލިއާއެއް“

ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓު ކަނޑައިގެން ދިއުމުން ހާމަވަނީ ސަރުކާރުގެ ފެއިލިއާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ މުޅި މާލެ ސިޓީއިން އެކީ ކަރަންޓު ދިޔަ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުންނެވެ. މި މައްސަލައިގައި އެމްޑީޕީއިން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ޕީއެންސީގެ ސުޕަރ މެޖޯރިޓީއިން ވަނީ ބޭރުކޮށްލާފައެވެ.
މީކާއީލް ވަނީ މިއީ ރައްޔިތުންނާއި ގުޅުން ހުރި ބޮޑު މައްސަލައެއްކަމަށް ފާހަގަކޮށް މި މައްސަލަ މަޖިލީހަށް ބަލައިގެންފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހިނގައިގެން މިއުޅެނީ އާދައިގެ ކަމެއް ނޫންކަމަށާއި، ނަމަވެސް ހާދިސާއަށް 24 ގަނޑިއިރު ވެގެންދިޔައިރުވެސް ކަން ހިނގާ ދިޔަ ގޮތް ބުނެދެވިފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެއާޕޯޓުން ކަރަންޓު ގޮސް 2 ގަނޑިއިރު އޮތްކަން ފާހަގަކޮށް މީކާއީލް ވިދާޅުވީ މިއީ ލަދުވެތިކަމެއްކަމަށެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ނުރަނގަޅު އަސަރު ކުރާނެކަމަށް މީކާއީލް ވިދާޅުވިއެވެ.
ހާދިސާއަށް 24 ގަނޑިއިރު ވެގެންދަނީ އިއްޒަތްތެރި ރައީސް، އަދި ދިވެހި ސަރުކާރަކުން ދިވެހިރާއްޖޭޣެ ޕްރޮފެޝަނަލަކަށް ވިދާޅުވެދެވިފައެއް ނެތް ކިހިނެއް ހިނގި ހާދިސާއެއްކަން.
މީކާއީލް ވިދާޅުވިއެވެ.
މިކަމުން ހާމަވަނީ ސަރުކާރުގެ ނާގާބިލުކަންކަމާއި، ފެއިލިއާކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގު ކުރަން ޖެހޭކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ ނަމަވެސް މި ސަރުކާރުން ތަހުގީގު ކުރަން ފަށާ އެއްވެސް މައްސަލައެއްގެ ވާނުވާއެއް ނޭގޭކަމަށެވެ.
ރަނގަޅަށް ކަން ހިނގާ ގޮތް ދަސްކޮށްގެން ވެރިކަން ކުރުމަށް މީކާއީލް ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ