ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުތަކެއް ކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރުގެ އިސްތިއުނާފް ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން މި އަމުރު ނެރުނީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު މިފަދަ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިގެންނެވެ. އަމުރު ނެރުމާ ގުޅިގެން:
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރަން ހުށަހެޅި
ފިޔާޒުގެ ފަރާތުން އިސްތިއުނާފްގެ މައްސަލަ ހުށަހެޅީ، އެމްޖޭއޭއަކީ ޖިނާއީ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވާތީ އިސްތިއުނާފް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާ މިދިޔަ އަންގާރަ ދުވަހު ނިންމެވުމުން ހަމަ އެ ދުވަހު
ތަފްސީލް - ފިޔާޒަށް ހައި ކޯޓުގެ ރަޖިސްޓްރާ ސޮއިކުރައްވައި ފޮނުއްވި ލިއުމެއްގައި އެ މައްސަލަ ހައި ކޯޓުން ބަލައިގަތްކަން އަންގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދެއްކުމުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
'ގެގް' އަމުރު އިސްތިއުނާފްކުރީ، އެ އަމުރުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށް ބުނެ އެވެ.
ވާހަކަ ދެއްކުން މަނާކޮށްފައިވަނީ، އެ އަމުރުގައި ރިއާޔަތްކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ އަމުރުގައި ކަނޑައަޅާފައިވާ ދާއިރާއަށްވުރެ ފުޅާކޮށް ކަން އިސްތިއުނާފް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ފިޔާޒުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި:
ސުޕްރީމް ކޯޓުގެ ދެ އަމުރަކީ ކުށުގެ ތުހުމަތުވާ މީހާ، ކުށްކުރިކަން ސާބިތުވުމުގެ ކުރިން މައުސޫމެއްގެ ގޮތުގައި ދެކުމުގެ ހައްގަށް ރިއާޔަތްކޮށް، ހަމައެކަނި އެ ހަނި ދާއިރާއަށް ނެރެފައިވާ އަމުރުތަކެއް
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަކި ޑޮކިއުމަންޓްރީއެއް ދައުރުކުރުމާއި މައްސަލައިގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައިވޭ
މި މައްސަލާގައި ކުށުގެ ތުހުމަތުވާ ފިޔާޒާއި ހަސަނުގެ ފަރާތުން އެ މީހުންގެ ދިފާއީ ހައްގެއް ކަމަށްވާ، ކުށްކުރިކަން ސާބިތުވުމުގެ ކުރިން މައުސޫމެއްގެ ގޮތުގައި ދެކުމުގެ ހައްގު ހިމާޔަތްކުރަން އަނގަ ބަންދުކުރުމުގެ އަމުރަކަށް އެދިފައެއް ނުވޭ
ފާހަގަކުރެވޭ - ފިޔާޒު ހުށަހެޅުއްވި އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފައިވާއިރު، އެމްޖޭއޭން ހުށަހެޅި މައްސަލަ ބަލައިނުގަތުމުން ރަޖިސްޓްރާގެ އެ ނިންމުން މުރާޖާކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.
އެނގުން މުހިންމު - ދެ ނޫސްވެރިޔަކު 'ގެގް' އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލުގައި ވަނީ ބަންދުކޮށްފަ އެވެ. އެއީ:
'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން - އޭނާ އަމުރާ ހިލާފުވި ކަމަށް ކޯޓުން ނިންމީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނާ ސުވާލުކޮށްގެން
'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު - ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، އެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނީ އަމުރާ ހިލާފަށް ކަމަށް ކަނޑައަޅައި
ގުޅުންހުރި - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
އަނގަ ބަންދުކުރުމުގެ އަމުރުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ