ރާއްޖެ އާއި ޗާގޯސް ރަށްތަކާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދު ރާއްޖެ އާއި މޮރިޝަސްއަށް ހަމަހަމަވާ ގޮތަށް ބެހުމާ ރާއްޖޭން އަބަދު ވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމަށް ވިދާޅުވެ، އަދި ވެސް އެ ސިޔާސަތު ދަމަހައްޓަން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އިއްޔެ ސަރުކާރަށް ގޮވާލައްވައިފި އެވެ.
މައްސަލައިގެ ފެށުން - މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައި، މިދިޔަ މަހުގެ ފަހުކޮޅު ބަހުސް ނިމުނު މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ، ކުރިން ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބުމާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކުރައްވައިފަ އެވެ.
އެ ނިންމުމާ ވިދިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނަސް، ބައެއް މީހުން އަންނަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިތުރަށް ކިޔާލަން - ތަފުސީލުކޮށްދިނުން: ރާއްޖެ-މޮރިޝަސް މައްސަލައިގެ ފަސްމަންޒަރު
ވީ ކިހިނެއް؟ - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝަހީދު އިއްޔެ ޓުވިޓާގައި ވިދާޅުވި ގޮތުގައި، އައްޑޫގެ ދެކުނުން ރާއްޖޭން ދައުވާކުރާ 200 މޭލުގެ އިގްތިސާދީ ހާއްސަ ސަރަހައްދު (އީއީޒެޑް)އަށް އަސަރުކުރާ ފަދަ އެއްވެސް ފިޔަވަޅެއް، އެއްވެސް ދައުލަތަކުން އެޅުމާ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭން އައީ ދެކޮޅު ހަދަމުންނެވެ.
ޝަހީދު ވަނީ އޭނާގެ ފޮރިން މިނިސްޓަރުކަމުގައި، ޗާގޯސްގެ ވަށައިގެން މެރިން ޕްރޮޓެކްޓެޑް އޭރިއާ (އެމްޕީއޭ)އެއް ކަނޑައެޅުމަށް 2010ގައި އިނގިރޭސިިން ނިންމި ނިންމުމާ ދެކޮޅު ހަދައި އޭނާ ދެއްވާފައިވާ އިންޓަވިއުއެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާފަ އެވެ.
"ހަމަހަމައަށް ބެހުމުގެ އުސޫލާ ދެކޮޅު ހެދުން ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރަން،" އދ.ގެ ހާއްސަ ރެޕަޓުއާކަން ވެސް ދިގު މުއްދަތަކަށް ކުރެއްވި ޝަހީދު ވިދާޅުވި އެވެ.
އޭނާ ސަރުކާރަށް ގޮވާލެއްވީ:
ޗާގޯސްގެ މައްސަލައިގައި އދ.ގައި ވޯޓު ނެގުމުގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަޔާނެއް ދެއްވުމަށް
އެ ބަޔާނުގައި، ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ މުއާހަދާ (އަންކްލޮސް)ގައި ބަޔާންކޮށްފައިވާ ހަމަހަމައަށް ބެހުމުގެ އުސޫލަށް ރާއްޖޭން އިސްތިސްނާއެއް ހުށަހަޅާ ކަމަށާއި ޗާގޯސްގެ މައްސަލައިގައި އެ އުސޫލުން އަމަލުނުކުރެވޭކަން ހާމަކުރުން
"އަޅުގަނޑުމެންގެ ގާނޫނީ ހައްގުތަކާ ގުޅޭ ގޮތުން އެހެން އަވަށްޓެރިންގެ އިކުއިޑިސްޓެންސް އުސޫލާއި ޑިޒައިންތަަކާ ދެކޮޅު ހެދުމަށް، 1998/99 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ވަރަށް، ހާއްސަކޮށް އަޅުގަނޑު ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައި." ޝަހީދު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އައްޑޫގެ ދެކުނުގައި އޮންނަ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކުރަން ދިވެހި ސަރުކާރުން ނިންމި އިރު، ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދު ހޯދަން ސަރުކާރުން މަސައްކަތް ކޮށްފައިނުވާ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރު އަދި ދިޔާނާ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އިތުރަށް ކިޔާލަން - ކުރީގެ އޭޖީންގެ ބަސް: ރާއްޖެއަށް ލިބެން އޮތް ސަރަހައްދު ހޯދަން ސަރުކާރުން މަސައްކަތްކޮށްފައެއް ނެތް
ޗާގޯސް ކަނޑު ހަމަހަމައަށް ބަހަން ރާއްޖޭން އަބަދުވެސް ދެކޮޅު ހެދި: ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ