ރޭސް ޖަހަން ޝައުގުވެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނީ ގާސިމް: އަލީ ވަހީދު

ރޭސް ޖަހަން ޝައުގުވެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ރަސްމީ ކެމްޕޭން އެޖެންޓު އަދި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ށ. މިލަންދޫގައި ބޭއްވި ޖޭޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވިދާޅުވީ މި ސަރުކާރުން އެކިފަހަރުމަތިން، ރޭސް ޖަހަން ބޭނުންވާ ފަރާތްތަކަށް ރޭސިންގ ޓްރެކެއް އަޅައިދޭނެކަމުގެ ވައުދުވެފައިވީނަމަވެސް އެފަދަ ދާއިމީ ޓްރެކެއް މިއަދާ ހަމައަށް އައި އިރުވެސް ލިބިފައިނުވާ ކަމަށެވެ.
އެ ކަންބޮޑުވުން އެފަރާތްތަކުން ފާޅުކުރަމުން އަންނައިރު، ރޭސް ޓްރެކެއް ނެތުުމުގެ ސަބަބުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮތް ހަމައެކަނި ފުރުސަތަކީ، ހަފްތާ ބަންދުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ހުސް މަގެއްގައި ރޭސް ޖެހުން ނުވަތަ އެފަދަ މުބާރާތެއް އިންތިޒާމުކޮށް، މަގުތައް ބަންދުކޮށްގެން އެކަން ކުރުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރޭސް ޓްރެކެއް ގުޅީފަޅުގައި އަޅާނެކަމަށް ކުޅިވަރާބެހޭ ވަޒީރު މީގެކުރިން އެތައް ފަހަރެއްގެމަތިން ވިދާޅުވެފައިވާ ކަމަށާއި އެހެންނަމަވެސް މިއަދާ ޖެހެންދެން ވެސް އެކަން ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ރޭސް ޖަހަން ޝައުގުވެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނީ ގާސިމް އިބްރާހިމް ކަމަށާއި ގާސިމްގެ ވެރިކަމެއްގައި މި ގައުމުގައި ރޭސް ޓްރެކެއް އަޅާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ޖޭޕީގެ މެނިފެސްޓޯ މައިގަނޑު 15 އަސާސެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާއިރު، އެ މެނިފެސްޓޯގައި ކުޅިވަރުތަކާއި އެތުލީޓުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ހިމަނާފައެވެ.
އީ ގޭމިންގް ސްޕޯޓްސްމަނުންނަށް ގައުމީ ހައިސިއްޔަތު، ގާސިމްގެ ވެރިކަމެއްގައި ހޯދައިދެއްވާނެކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭޝަން ތަކުގެ އެތުލީޓުން އިންޝުއަރ ކުރުމަށް ވެސް މެނިފެސްޓޯގައި ވެއެވެ. އަދި ރަސްމީ ހުރިހައި ކުޅިވަރު އެސޯސިއޭޝަންތަކަށް ބިން މިލްކްވެރިކޮށް، ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށް ވެސް މި މެނިފެސްޓޯގައި ވާއިރު، ކުޅިވަރު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދިނުމަކީ ވެސް ޤާސިމް އިބްރާހީމްގެ ރިޔާސީ ވައުދުފުޅެކެވެ.
އީ ގޭމިންގ އަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ، ޤާސިމްގެ ވެރިކަމެއްގައި އީ ގޭމިންގ ސްޕޯޓްސްމަނުންނަށް ގައުމީ ހައިސިއްޔަތު ހޯދައިދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ