މައްސަލަ ހައްލުނުވި ނަމަވެސް ފެމިލީ ކޯޓުން އަލުން ޚިދުމަތް ދެނީ

މިހާރު މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެމިލީ ކޯޓު ފުރާޅުން ފެން ލީކުވެ ލިބުނު ގެއްލުންތައް ހައްލު ނުވި ނަމަވެސް، ކޯޓުގެ މަސައްކަތްތައް އެ އިމާރާތަށް ބަދަލުކޮށްފިއެވެ. ފެމިލީ ކޯޓުގެ ފުރާޅުން ފެން ވަދެ، ތަނުގެ ސީލިންގެ އިތުރުން ތަޅުމުގައި އަޅާފައި ހުރި ކާޕެޓާއި، ޕާކޭއާއި، ގޮނޑިއާއި މޭޒާއި، ލެޕްޓޮޕަކަށާއި ސާވާ ރޫމަށް ގެއްލުން ލިބުމުގެ ސަބަބުން އެ ކޯޓުގެ ބައެއް މަސައްކަތްތައް އާދިއްތަ ދުވަހު ވަނީ ވަގުތީ ގޮތުން ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން "ސަން"އާ ވާހަަކަ ދައްކަވަމުން އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މައްސަލަތައް ހައްލު ކުރުމަށް ރޭ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ވާކަމަށެވެ. "ކާޕެޓްތައް ވެސް ވެކިއުމް ކޮށް ހުރިހާ ކަމެއް ކޮށްފަ ހުރީ. އެކަމަކު އަދިވެސް މައްސަލައަކަށް ހައްލެއް ނުލިބޭ. ވަގުތީ ގޮތުން ހޯދެން ހުރި ކުދިކުދި ހައްލުތައް ހޯދައިގެން މި ބަދަލުވީ," އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސައްކަތް އަލުން އެ އިމާރާތަށް ބަދަލުކުރީ ޖަސްޓިސް ބިލްޑިންގައި ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެ ޚިދުމަތް ދިނުމަށް ދަތިވާތީ ކަމަށެވެ. އަދި މަސައްކަތް ކުރެވެން ހުރި ގޮތަކަށް މިހާރު ކުރާ ކަމަށާއި އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. "އިއްޔެގަ ވެސް ހެންވޭރު ބިލްޑިންގެ ލައިން ވެސް ކެނޑިފަ ހުރީ. އެހެން ވީމަ މަސައްކަތުގަ ކުޑަ ލަސްކަމެއް ހުރެދާނެ. އެކަމަކު ވަރަށް މަސައްކަތުން އިއްޔެ ވެސް ދެން ޖެހޭ އަސާސީ ޚިދުމަތްތައް ދިނިން،" ފެމިލީ ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެމިލީ ކޯޓު އިމާރާތް އަދިވެސް ހުރީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ދިމާވާ މައްސަލަތައް އަދިވެސް އެއްކޮށް ހައްލު ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޖަސްޓިސް ބިލްޑިންއަށް އާދިއްތަ ދުވަހު ބަދަލު ކުރި ޚިދުމަތްތަކަކީ: ކައިވެނި އަގުދުކޮށްދިނުން ކައިވެންޏާގުޅޭ ފޯމުތައް ބަލައިގަތުން ކައިވެެންޏާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ސެޝަންތައް ދަރިންގެ ޚަރަދާއި، އިއްދައިގެ ޚަރަދު އަދި ޖޫރިމަނާ ބަލައިގަތުން ފެމިލީ ކޯޓު އިމާރާތަށް ލިބުނު ގެއްލުން ބައްލަވާލެއްވުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވެސް ވަނީ އިއްޔެ އެ ކޯޓަށް ވަޑައިގެންފައެވެ. އަދި މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ އިމާރާތް މަރާމާތް ކުރުމަށް މިހާރު ވެސް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކުރި ތާރީޚަށް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ