މިނިވަން ދުވަހުގެ ބަންދަށް ފަހު އިއްޔެއާއި މިއަދު ވެސް މަޖިލިސް ނުބޭއްވި
މިނިވަން ދުވަހުގެ ބަންދަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެއާއި މިއަދުގެ ޖަލްސާ ނުބާއްވާ ކެންސަލްކޮށްފިއެވެ. ޖަލްސާ ނުބާއްވާ ސަބަބާ ގުޅޭގޮތުން މަޖިލިސް އިދާރާގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ލިބޭގޮތެއް ނުވެއެވެ. މިނިވަން ދުވަހަށް ފަހު، ސަރުކާރުގެ އިދާރާތަށް ހުޅުވީ އިއްޔެއެވެ. ނަމަވެސް، މަޖިލީހުގެ އިއްޔެގެ ޖަލްސާ ވެސް އަދި މިއަދުގެ ޖަލްސާ ވެސް ބާއްވާފައެއް ނުވެއެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުގައި މަޖިލިސް ޗުއްޓީގައި ނޫންނަމަ ނުވަތަ ސަރުކާރު ބަންދު ނޫންނަމަ ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ޖަލްސާ ބާއްވަން ވާނެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. މި ހިނގާ 20 ވަނަ މަޖިލިސް ފެށުނު ފަހުން ވަކި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލަ ވެސް ބޮޑެވެ. މިހާރު ވެސް މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ބުނެ، ވަރަށް ގިނައިން ވާހަކަދެކެވެއެވެ. އެގޮތުން، މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ. https://sun.mv/209216 ނަމަވެސް، ކުރާނެ މާ ބޮޑު މަސައްކަތެއް ނެތް ކަމަށް ބުނެ ޖަލްސާތައް ކެންސަލްކުރާކަމުގެ ކަންބޮޑުވުން ސަރުކާރާ އިދިކޮޅު މެންބަރުން ފާހަގަކުރެއެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވަން ޖެހޭ އެތައް ބިލެއް ފޮނުވުމުގައި ލަސްވަނީއެވެ. އެކަމަކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި، މަޖިލީހުގެ ގިނަ މަސައްކަތްތައް ކުރިއަށް ދަނީ ވެސް ކޮމިޓީ މަރުހަލާގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކަން އެހެން އޮއްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި އެ މެންބަރުން މަޖިލީހަށް ސްޕޮންސާކުރައްވާ ބިލުގެ އަދަދުން ނޫން ކަމަށާއި މަސައްކަތުގެ އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަ ކަމަށް މަޖިލިސް އިދާރާއިން މީގެ ދެ ދުވަސް ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ