މާލީ ދާއިރާގެ ހިދުމަތްތެރިޔާ ސަރުވަޝް އާދަމް، އިދިކޮޅު އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެންމެ ފަހުން ޕެންޝަން ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ސަރުވަޝް ވަނީ އެމްޑީޕީއާ މިއަދު އޭނާ ގުޅިވަޑައިގެންނެވިކަން ހާމަކޮށް، މިރޭ އެކްސްގައި ވިޑިއޯއެއް ޕޯސްޓެއް ކުރައްވާފަ އެވެ.
ތަފްސީލު - އެ ވީޑީއޯގައި ޝަރުވަސް ވިދާޅުވީ:
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ހިދުމަތްތެރި ޕާޓީއަކީ އެމްޑީޕީ ކަމަށް
އެމްޑީޕީން ރާއްޖެއަށް ގިނަ ގުނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފި؛ އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިމެނޭ
އަދި ހިންގުމުގެ ނިޒާމް އިސްލާހު ކުރުން، ހައްގުތައް ހޯދައިދިނުން، އިޖުތިމާއީ އަދާލަތު ގާއިމް ކުރުން އަދި އިހްގްތިސާދީ ތަރައްގީގެ ރޮގުންވެސް އެމްޑީޕިން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްދީފައި
"އަދިވެސް ރާއްޖެއަށް ގިނަ ގުނަ ބަދަލުތައް ގެނަންނަ އެބަހުރި. މިވަގުތު މި ވަނީ ބަދަލުތަކުގެ އާ ހަރުފަތެއް ގިރާކުރަން ޖެހިފައި،" ސަރުވަޝްގެ ކުރު ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވި އެވެ.
އެއާއެކު ސަރުވަޝް ވިދާޅުވި ގޮތުގައި މިއަދު ރާއްޖޭގެ ހާލަތު އޮތީ މުއައްަސާތައް ހަރުދަނާކޮށް، އިންޓިއުޝަނަލް ރިފޯމްތައް ގެންނަން ޖެހިފައިވާ ހާލަތެއްގައި އެވެ.
"ސަރުކާރަށް ބަރޯސާވާ ރައްޔިތެއްގެ ބަދަލުގައި، އަމިއްލަ ހަލާލު މަސައްކަތުން [އަދި] އުފެއްދުންތެރި މަސައްކަތުން ދިރިއުޅޭ އާމްދަނީއެއް ހޯދާ، އިގްތިސާދީ ގޮތުން ބާރުވެރި ރައްޔިތެއް ބިނާކުރަން. ރާއްޖޭގެ އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ރާއްޖެ ހަދަން،" އޭނާ ދެކެވަޑައިގަންނަވާ ރާއްޖޭގެ ތަސައްވުރާ ގޫޅޭ ގޮތުން ސަރުވަޝް ވިދާޅުވި އެވެ.
"ރައްޔިތުންނަކީ، ރައްޔިތުންގެ ދިރުއުޅުމުގެ ފެންވަރު މައްޗަށް ޖައްސާލައި، ތާހިރު އަދި ފާގަތި ބަޔަކަށް ހަދައިދިނުން. ޖާބުދާރީވަނިވި، ފުދުންތެރި އަދި ހާމަކަން ބޮޑު ދައުލަތެއް ބިނާކޮށް ކުރިއަށް ގެންދިޔުން."
ގިނަ އަހަރުތަކެއް ވަންދެން ދައުލަތުގެ ބަޖެޓު ހެދުމުގައިވެސް އިސްކޮށް އުޅުއްވި ސަރުވަޝް ވިދާޅުވި ގޮތުގައި އޭނާ އެ ދެކެވަޑައިގަންނަވާ ރާއްޖެއެއް ލިބެން އޮތީ އެމްޑީޕީންނެވެ.
"މިކަންކަން ބަދަލު ކުރެވޭނީ، އަޅުގަނޑު ދެކޭ ގޮތުގައި އަދިވެސް އެމްޑީޕީއަށް. ރާއްޖެއަށް ހެޔޮ ބޮޑު ބަދަލެއް ގެންނާނީ އެމްޑީޕީން. އެހެން ކަމުން ރާއްޖޭގެ ސިޔާސީ މާހައުލަށް މި ގެންނަ އިސްލާހީ ބަދަލުތަކުގައި ވާގިވެރިވެ، އަމަލީ ގޮތުން ބައިވެރިވުމަށް އަޅުގަނޑު މިއަދު އެމްޑީޕީއަށް ވަދެއްޖައިން،" ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް، އޭނާ އެމްޑީޕީއަށް ގުޅިވަޑައިގެންެވި ސަބަބު ހާމަ ކުރައްވަމުން ވިދާޅުވި އެވެ.
ނުވަ އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު ސަރުވަޝް ފިނޭންސް މިނިސްޓީގެ ވަކިވެވަޑައިގެންނެވީ ފެބްރުއަރީ މަހު 2024ގައި
ޕެންޝަން ބޯޑުގެ މެންބަރަކަށް އޭނާ ވެވަޑައިގެންނެވީ މާޗް2025ގައި
އެ ބޯޑުން އޭނާ އިސްތިއުފާ ދެއްވީ، އޮކްޓޯބަރު 2025ގައި؛ އެއީ، މަރުކަޒީ ބޭންކް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ އުޅުނު މައްސަލައިގައި އެކަމާ ދެކޮޅު ހެދުމުގެ ގޮތުން (ބޮންޑު މައްސަލައިގައި ސަރުވަޝްއާއެކު އެ ބޯޑުގެ ޗެއާޕާސަން ހިމެނޭހެން ގިނަ އަދަދެއްގެ މެންބަރުން އޭރު އިސްތިއުފާ ދެއްވި)
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޗެއާޕާސަންގެ މަގާމު އޮކްޓޯބަރު 2019-ފެބްރުއަރީ2024އަށް ފުރުއްވި
އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން އިގްތިސާދީ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވޭ
މާލީ ހިދުމަތްތެރިޔާ ސަރުވަޝް އެމްޑީޕީއާ ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ