ގއ. ޑްރަގް ނެޓްވޯކުން ހައްޔަރުކުރި މީހުންގެ މައިންބަފައިންގެ އެކައުންޓުތައް ވެސް ފްރީޒްކޮށްފައި

ޑްރަގު ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ފެށި 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން ގއ. އަތޮޅާއި މާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތަރު މީހުންނާ ގުޅޭ 53 އެކައުންޓެއް ފްރީޒްކޮށްފައިވާއިރު، އޭގެ ތެރޭގައި އެ މީހުންގެ މައިންބަފައިންނާއި އާއިލާގެ މީހުންގެ އެކައުންޓުތައް ވެސް ހިމެނޭކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެއިން ސިޔާސީ މަގާމެއްގައި އޭރު ހުންނެވި މީހާގެ އެކައުންޓުން އެކަނި ވެސް 38.8 މިލިއަން ރުފިޔާ ފަސް އަހަރުގެ ތެރޭގައި ދައުރުކޮށްފައިވާ ކަމަށެވެ. އެގޮތުން:
އެ ނެޓްވޯކުން އެ މުއްދަތުގެ ތެރޭގައި ޖުމްލަ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 4 ލައްކައަށް ވުރެ ގިނަ ޑޮލަރު (6.1 މިލިއަން ރުފިޔާ) ދައުރުކޮށްފައިވޭ
މި މައްސަލައިގައި 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ވަނީ ފްރީޒް ކޮށްފައި
ތަފްސީލް - އެނގިފައިވާ ގޮތުގައި، ހައްޔަރު ކުރި މީހުންގެ އާއިލާ މީހުންގެ އެކައުންޓުތަކުގައި މި މައްސަލައާ ގުޅުންހުރި ފައިސާ ދައުރުވެފައިވޭތޯ ފުލުހުން އަންނަނީ ބަލަމުންނެވެ.
އެ މައްސަލާގައި ހައްޔަރު ކުރީ:
އަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން/ގއ. ވިލިނގިލި
ޝައްފާހް ލަތީފް، 28، ޝެވޯނާ/ގއ. ވިލިނގިލި
އަހްމަދު މަދީހު، 33، މިޔުޒިކީއާގެ/ގއ. ވިލިނގިލި
ނޫރުއްނިޒާމް، 35، އަރާއިރުގެ/ގއ.ވިލިނގިލި
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ.
"މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެ އެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
މި ހަތަރު މީހުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުރުކުރި ފައިސާގެ ގޮތުގައި ފުލުހުން ބުނީ:
އަހްމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17.2 މިލިއަން ރުފިޔާ ދައުރު ކޮށްފައިވޭ؛ އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99ރ.
އަހްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓުތަކުގައި 38.8 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި؛ އެ މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ.
ޝައްފާހް ލަތީފްގެ ބޭންކް އެކައުންޓުތަކުގައި 6.9 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި؛ އެ މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ