ފަށަމުން ކަމެއް ހަނދާންކޮށްލައިދޭނަމެވެ. އެއީ ލޯބިލިބޭނީ ލޯބިދީގެންކަމެވެ. އަނެކާގެ ކިބައިން ތިމާއަށް ޚިދުމަތްލިބޭނީ ތިމާވެސް ޚިދުމަތްކޮށްގެންކަމެވެ. އަދި އަނބިމީހާ ލައްވައި ތިމާގެ މައިންބަފައިންނަށް ޚިދުމަތްކުރުވަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ތިމާ އަނބިމީހާގެ މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ!
ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. އެއްކަމެއް ކުރަން އަނެއްކަންތައް ދޫކޮށްލުމެއްވެސް ނެތެވެ. އޮތީ ދެކަންތައްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަން މަސައްކަތްކުރުމެވެ. ކިޔަމަންތެރިވުމަކީ އެއީއެވެ.
ﷲ ތަޢާލާ ވަނީ މައިންބަފައިންނަށް ޚިދުމަތްކުރުމަށާއި އަނބިންނަށް ހެޔޮކޮށް ހިތުމަށް އަންގަވައިފައެވެ. ވީމާ މި 2 ކަންތައްވެސް ކުރަންޖެހޭނެއެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައިވެސް ފިރިމީހާއަށް ކިޔަމަންތެރިވުމަށް ވެސް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ވީމާ މިއީވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ.
ތިމާގެ މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ގޮތުން މިސާލަކަށް ކައްކައިދޭން އަނބިމީހާ ގާތު ބުނެވިދާނެއެވެ. ނަމަވެސް ބުނަންވާނީ އަމުރުވެރި ގޮތަކަށް ނޫނެވެ. އެކަންކޮށްދިނުމަށް އެދޭ އުޞޫލުންނެވެ. އެމީހާގެ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އެމީހާގެ ކަމެކެވެ. އެހެން މީހުންނަށް އެކަމުގައި މަޖުބޫރުކުރުމެއް ނެތެވެ. ފިރިން އެދިއްޖެނަމަ އެކަންކޮށްދިނުމަކީ އަނބިންނަށް ޘަވާބްދެއްވަވާނެ ކަމެކެވެ.
ދެން މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާގެ އަނބިމީހާއަކީ ގިނަ ދަރިންތަކެއް ގޮވައިގެން އުޅޭ މީހަކަށްވެއްޖެނަމަ ވަކިން ކައްކާފައި ކާންދިނުން އުނދަގޫކަމަކަށްވެދާނެއެވެ. ހަމައެފަދައިން ޚާއްޞަ އެއްޗެތި ކަންކަން ޖެހޭނަމަވެސް އެޙާލަތުގައި އުނދަގޫވެދާނެއެވެ.
ވީމާ އެފަދަ ޙާލަތުގައި އަނބިމީހާއަށް ލުއިކޮށްދީ އެކަންކުރާނެ ވަގުތު ހޯދައިދޭންވާނެއެވެ. ހަމައެއާއިއެކު ތިބާއަކީ ބޭނުންހައިވަރަކަށް ޚަރަދުކުރުމުގެ ޤާބިލުކަންހުރި މީހަކުނަމަ އެކަންކުރަން އަނބިމީހާއަށް ބާރުއެޅުމެއްވެސް ނެތެވެ. މައިންބަފައިންނަށް ކައްކައިދޭން މީހަކު ގެންގުޅެންވީ ނޫން ހެއްޔެވެ؟
ޚުލާޞާއަކީ މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އެމީހެއްގެ ކަމެކެވެ. އަނބިމީހާލައްވައިވެސް އަދި ފިރިމީހާ ލައްވާވެސް ތިމާގެ އަމިއްލަ މައިންބަފައިންނަށް ޚިދުމަތްކުރުވަން ބޭނުންނަމަ އޮތީ އޯގާތެރިކަމާއިއެކު އެކަމަށް އެދުމެވެ. މަޖުބޫރުކުރުމެއް ނެތެވެ.
ހަމަ އެޢާއިއެކު ވިސްނައިލާށެވެ. ދެމަފިރިންވެސް ދެކެންވާނީ ދެމީހުންގެ މައންބަފައިންނަކީވެސް ތިމާގެވެސް އަމިއްލަ މައިންބަފައިން ކަމަށެވެ. ފިރިމީހާ އިސްމީހާވެގެން އަނބިމީހާއަށް އަމުރުކުރުމެއް ނެތެވެ. ދެމަފިރިންވެސް ހަަމވާންވާނެއެވެ. އުފާވެރިކަންލިބޭނެ އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ އެއީއެވެ.
ހަމައެއާއެކު މައިން ބަފައިން ބަލަހައްޓަމުން ގެންދަނީ ފިރިހެން ދަރިފުޅު ކަމަށްވާނަމަ ކައިވެނިކުރުމުގެ ކުރިން އެވާހަކަ އަނެކާގެ ގާތުގެ ގާތުގައި ބުނެ ދެމީހުން މަޝްވަރާކުރަންވާނެއެވެ. އެވާހަކަ ކައިވެނިކޮށްފައި އެއީ އަނބިމީހާގެ ޒިންމާއެއްކަމަށް ހަދަން އުޅެފިނަމަ މައްސަލަތައް ކުރިމަތިވާނެއެވެ.
ހަމައެއާއިއެކު ފިރިމީހާގެ މައިންބަފައިންވެސް ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ޅީދަރިފުޅަށް ހެޔޮކޮށްހިތުމެވެ. އެއީވެސް ހަމަ ތިމާމެންގެ ދަރިއެއް ކަމަށް ދެކެގެން އެކުގައި އުޅުމެވެ. އެއިރުން މަޖުބޫރުކުރާކަށް ނުޖެހޭނެއެވެ. ކޮށްދޭހިތުން ހުރިހާ ކަމެއްވެސް ކޮށްދޭނެއެވެ.
ގިނަފަހަރު މައްސަލަ ޖެހެނީ ގޭގައި އަންހެން ދަރިން ތިބެ އެދަރިންނަށް އެއްވެސް ކަމެއް ނުޖައްސުވައި ޅީދަރިފުޅަށް ހުރިހާ ބުރަތަކެއް ޖައްސުވާތީއެވެ. ގޭގެ ހުރިހާ މަސައްކަތެއްކުރަން ޅީދަރިފުޅަށް މަޖުބޫރުކުރުވާތީއެވެ. އެއީ އެކަންކުރަން ހުއްދަ ގޮތެއްވެސް ނޫނެވެ. އެންމެންނަކީވެސް ޢާއިލާގެ މީހުން ކަމަށްބަލައި އެކުވެރިކަމާއިއެކުގައި އުޅޭނަމަ މިބުނި މައްސަލަތަކުން ސަލާމަތްވެ އުފަލުގައި އުޅެވޭނެއެވެ. އިން ޝާ ﷲ
މަޢުލޫމާތު: ޑރ. ޒާކިރް ނައިކުގެ ބަސްފުޅަކުން
މައިންބަފައިންނަށް ޚިދުމަތްކުރަން އަނބިމީހާއަށް މަޖުބޫރެއް ނުކުރެވޭނެ! އެއީ އަނބިމީހާ ހިތުން ރުހުމުން ކޮށްދިނުމުން ޘަވާބުދެއްވަވާނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ