މާފަންނު ދަނޑުގައި އަޅާފައިވާ ގުދަންތަކުގެ އެއްބަސްވުމަށް އަމަލުކުރުން ނިމުމަކަށް ގެނެސް, ހުޅުމާލޭގައި ދެ ދަނޑު އެޅުމުގެ މަސައްކަތް ފުޓްބޯލްް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށައިފި އެވެ.
އެފްއޭއެމް ހިންގާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު، މީިޑިއާ އަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާއިން ހަރަދުކޮށްގެން ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމް އަށް ދޫކޮށްފައިވާ މާފަންނު ފުޓްބޯޅަ ދަނޑުގެ ބިމުގައ،ި ފީފާއިން ޚަރަދު ކޮށްގެން ބިނާކޮށްފައިވާ އިމާރާތުގެ ބޭރުން ގުދަން ހެދުމަށާއި އެކިކަންކަމަށް ބިންދޫކޮށްފައިވަނީ އެފްއޭއެމްގެ އެކްސްކޯގެ ނިންމުމެއް ނެތި ކަމަށެވެ. އަދި، އެ ކަން ކުރުމަށް، ފީފާގެ ނިންމުމެއް ނުވަތަ ހުއްދައެއް ނެތްއިރު، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ވެސް ހުއްދައެއް ހޯދާފައިނުވާ ކަމަށާއި މި ސަބަބުތަކާ ހުރެ އެ އެއްބަސްވުންތަކަށް އަމަލުނުކުރަން އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ފީފާގެ ހަރަދުގައި ސްޕޯޓްސް އެރީނާ އަކާއި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް އެފްއޭއެމަށް 1 ފެބްރުއަރީ 2017 އިން ފެށިގެން 50 އަހަރަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ދޫކޮށްފައިވާ ބިމެކެވެ.
މާފަންނު ދަނޑުގެ އެ ބިމުގެ ކަންކަން ހައްލުކުރުމަށް އެފްއޭއެމް އިން އަންނަނީ އެކި ނިންމުންތައް ނިންމަަމުންނެވެ. އެ ގޮތުން، އެއްބަސްވުމަށް އަމަލުނުކުރަން ނިންމި ނިންމުމަކީ، މި ބިން އެފްއޭއެމްގެ ބެލުމުގެ ދަށަށް ގެނައުމުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.
އޭގެ އިތުރުން، އެފްއޭއެމް ހިންގާ ކޮމިޓީން ވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތައް ފުޓްބޯޅަ ފެސިލިޓީ/ސްކޫލް ހެދުމަށް ހުޅުމާލޭގެ ފޭސް ވަން އިން، އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ފުޓްބޯޅަ ބޮޑު ދަނޑުގެ 2 ދަނޑު އަޅަން ނިންމައި، ކުރެހުން ވެސް ފާސްކޮށްފަ އެވެ.
އެފްއޭއެމް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް (ސްކޫލެއް) ތަރައްގީކޮށް ގާއިމުކުރުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ޖުލައި 11 ވަނަ ދުވަހު އެއްބަސްވުމެއް ވެވުނެވެ. އަދި، އޭގެ ދަށުން ހުޅުމާލެގެ ޕްލޮޓް D5-1 ގެ ގޮތުގައި ކަނޑައަޅަފައިވާ 230،000 އަކަ ފޫޓްގެ ގެ ބިމުގެ 180،000 އަކަފޫޓްގައި ފުލްސައިޒްގެ ފުޓްބޯޅަ ދެ ދަނޑުއަޅައި އަދި ބާކީއޮތް ބައިގައި އެކަމާއި ގުޅުންހުރި ފެސިލިޓީތައް ޤާއިމުކުރުމަށް ނިންމި އެވެ. އަދި، މި ކަންކަމަށް ދިން މި ބިމަކީ 25 އަހަރުގެ މުއްދަތަށް، އިޖްތިމާއީ އަދި މުޖުތަމައު އަށް ފައިދާހުރި ކަމެއްގެގޮތުގައި ބަލައި، އެއްވެސް ކުއްޔެއް ނެގުމެއްނެތި އެފްއޭއެމް މި ތަން ދެވުނެވެ.
އޭގެ ފަހުން، އެފްއޭއެމް އިން އެދިގެން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ވެވިފައި އޮތް އެއްބަސްވުމަށް، އިތުރު ބަދަލުތަކެއް ގެނެސް، 2018 ވަނަ އަހަރު ދޫކޮށްފައިވާ ބިމުގެ ބައެއް، ވިޔަފާރި އުސޫލުން ކުއްޔަށްދިނުމަށް އެއްބަސްވެފައިވާކަން އެނގެން އޮތްއިރު، ގިނަ ބަޔަކަށް ވަނީ އެ ތަން ކުއްޔަށް ދީފަ އެވެ. އެފްއޭއެމްއާ އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުން 7 ޑިސެމްބަރ 2022 ވަނަ ދުވަހުގެނައި ބަދަލާ އެކު ދައްކަންޖެހޭ ކުއްޔާއި އޭގެ ޖޫރިމަނާ ދައްކާފައިނުވާތީ އާއި، ފުޓްބޯލް ޓްރެއިނިން ފެސިލިޓީ ގާއިމްކޮށްފައި ނުވާތީ އާއި އަދި އެ ބިން ހުސްކޮށް ހަވާލުކޮށްފައިނުވާތީ، އެޗްޑީސީއިން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ފަހުން މި މައްސަލައިގައި ހައްލަކާ ހަމައަށް އައުމަށް، އެޗްޑީސީ އާއި އެފްއޭއެމް އެކުގައި މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ހުޅުމާލޭ ފުޓްބޯލް ފެސިލިޓީ ގާއިމްކުރަން އެއްވެސް މަސައްކަތެއް އަމަލީ ސިފައެއްގައި ނުކުރެވި އޮތްއިރު، އެ ތަނުގައި ދެ ދަނޑު އެޅުމަށްް އެފްއޭއެމް އިން އަވަހަށް މި ނިންމި ނިންމުމާ އެކު، ފުޓްބޯޅަ އަށް ދިމާވެފައި އޮތް އިންފްރާސްޓްރަކްޗާގެ މައްސަލަ އަށް ލުޔެއް ލިބިގެންދާނެ އެވެ.
މާފަންނު ދަނޑުގެ ގުދަންތަކުގެ މައްސަލަ ހައްލުކޮށް، ހުޅުމާލޭގައި ދެ ދަނޑު އަޅަނީ މާފަންނު ދަނޑުގެ ގުދަންތަކުގެ މައްސަލަ ހައްލުކޮށް، ހުޅުމާލޭގައި ދެ ދަނޑު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ