ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްތިބި ހައްޖާޖީން ހޫނުގަދަ ވަގުތުތަކުގައި ކޭމްޕްތަކުގައި މަޑުކުރުމަށް ހައްޖު އަދި އުމްރާގެ މިނިސްޓަރު ތައުފީޤް އަލް-ރަބީއާ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ 49 ވަނަ ބޮޑު ހައްޖު ސިމްޕޯޒިއަމްގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެނދުނު 10:00 އިން ހަވީރު 4:00 އަށް ހައްޖާޖީން އެމީހުންގެ ކޭމްޕްތަކުގައި މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެވަގުތު ތަކުގައި ބޭރުގައި ހިނގާ އުޅުމަކީ ހައްޖާޖީންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.
މީގެ އިތުރުން، އަރަފާތުން މުޒްދަލިފާއަށް ދިއުމަށް ކަނޑައެޅިފައިވާ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ. އަދި، ހައްޖާޖީންގެ ހަރަކާތްތަކާ ގުޅޭ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް އަންގަވާފައިވެއެވެ.
ހަމައެހެންމެ، މިނިސްޓަރު އަލް-ރަބީއާ ވަނީ ނުސުކް ކާޑުގެ މުހިންމުކަން ފާހަގަކުރައްވައި، މި ކާޑަކީ މަސްޖިދުލް ހަރާމަށާއި، މަޝްއަރުލް ހަރާމްތަކަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތަކަށް ވަދެނިކުމެ އުޅުމަށް ކޮންމެހެން ބޭނުންވާނެ އެއްޗެއްކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރު ހައްޖު ހުއްދަ ޗެކްކުރުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ފުރިހަމަ ހައްޖެއް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ސައުދީ ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު އަލް-ރަބީއާ ވަނީ ޔަގީންކަން ދެއްވާފައެވެ.
ދުވާލުގެ ހޫނު ގަދަ ވަގުތު ތަކުގައި ހައްޖާޖީން ގޭގައި މަޑުކުރުމަށް ސައުދީން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ