ވިލިމާލޭގައި އަޅަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް، ޑިޒައިނިން މަސައްކަތް ހަވާލުކޮށްފި
ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިނިން މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ ރަސްމިއްޔާތުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް ދީފައިވާ ނަމަކީ 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް'އެވެ. އެ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ. ވިލިމާލޭގައި ހަދަނީ 112 އެނދުގެ ހޮސްޕިޓަލެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުގެ ޑިޒައިން މަރުހަލާ ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ފީސިބިލިޓީ މަސައްކަތް ނިންމުމަށް ފަހުގައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުއަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާގެ އެހީއާއެކު މާލެ ސަރަހައްދުގައި އެޅި ބުރިޖަށް ވެސް ނަން ދިނީ ދެ ގައުމުގެ އެކުވެރިކަން ރަމްޒުކޮށް ދިނުމަށް 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު'ގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ