އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ ކަމަށާއި އަބަދުވެސް އަމާޒު ހިފަން ވާނީ މުސްތަގުބަލަށް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެކްސްގައި ކުރެއްވި ކުރެއްވި ޕޯސްޓެއް ޝާހިދު މިގޮތަށް ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު އެފެއްދެވި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމާ މަރުހަބާ ދަންނަވަމުންނެވެ.
ބުނީ ކީކޭ؟ - "ދަ ޑިމޮކްރެޓްސްގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔަން.
އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން އަބަދު ވެސް އަމާޒު ހިފަންވާނީ މުސްތަގުބަލަށް،" އޭނާ ވިދާޅުވި އެވެ.
"ކާމިޔާބު ލިބޭނީ އެކުވެރިވެ، އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ހަގީގަތް."
އެއާ އެކު، ޝާހިދު އެދިވަޑައިގެންނެވީ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި "ގައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި" ތިބި އެންމެހާ ފަރާތްތަކުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށެވެ.
"ރާއްޖޭގައި މުސްތަގްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ،" 2028ގެ އެމްޑީޕީ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.
ގުޅުން ހުރި - ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމި ނިންމުމާ ގުޅިގެން، ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ. ނުރަސްމީކޮށް މީޑީއާއަށް ހުޅުވާނުލައި ބޭއްވި އެ ބައްދަލުވުމުގައި ނިިންމާފައިވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.
ޝާހިދުގެ މި މަރުހަބާގެ ޕޯސްޓު އައިސްފައި ވަނީ، ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު އެވެ. ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ރޭ ވަނީ އެ ނިންމުމަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ކުރީގެ ރައީސް ސޯލިހް ވެސް މިއަދު ވަނީ މަރުހަބާ ދަންނަވައި އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ނަޝީދުގެ ސަޕޯޓަރުން އިސްވެ ތިބެ ޑިމޮކްރެސްޓް ޕާޓީ އުފައްދާފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަހުކޮޅު، ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވެ، މައްސަލަ ހޫނުވުމުންނެވެ. ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.
މާޒީގެ އަޅުންނަށް ނުވެ، އަމާޒު ހިފަންވާނީ މުސްތަގުބަލަށް: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ