އިތުރު ހަރަދު ހިނގާގޮތަށް ސްކޫލްތަކުގެ ޔުނިފޯމު ބަދަލުކުރުމުން ކަންބޮޑުވޭ: ޝާހިދު

ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރު ހަރަދުތަކެއް ކޮށް ސްކޫލްތަކުގެ ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުސޫލު އެކުލަވާލުމުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިބަދަލުގެ ނައުމުގައި ބެލެނިވެރިންގެ ހިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ޔުނީފޯމަށް ގެނައި މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީ ހައިސިއްޔަތުން ބެލެނިވެރިންނާ ހިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަށް އުފެދިފައި ވާކަމަށެވެ.
ޔުނީފޯމަށް ގެނައި ބަދަލާގުޅިގެން މިނިސްޓްރިގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެއްވޭތީ އެކަމުގައި ސާފު މަގުސަދެއް އޮތްކަމަށް ގަބޫލުކުރައްވަން ދަތިކަމަށް ޝާހިދު ވިދާޅުވިއެވެ.
ރޭ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މައުލޫމާތު ފޮރުވުމެއް ނެތި އާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް ގޮވާލައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ