މެންބަރުން ގުޅާތީ އެފްއެސްއެމް އެމްޑީގެ ނުރުހުން: ސިޔާސީ މީހަކު ގުޅަން ޖެހޭނެ ސަބަބެއް ނޯންނާނެ!

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން ސިޔާސީ ބޭފުޅުން ގުޅައި މެސެޖުނުކުރެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މިއަދު އެދިވަޑައިގެންފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސެލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވަނީ އެފްއެސްއެމްގެ ވަޒީފާތަކަށް އެހާ ބޮޑު ޑިމާންޑެއް އޮންނަނީ ކީއްވެތޯ ސުވާލުއުފައްދަވައިފައެވެ. ވަކިން ޚާއްސަކޮށް އެ ކުންފުނިން 30،000 ރުފިޔާއާ ހަމައަށް މުސާރަ ލިބޭ ވަޒީފާއަކުން ވެސް ކުއްލިއަކަށް ބޮޑު މުއްސަނދިކަމެއް ހޯދާފައި އެބަހުރިކަމަށާއި، އެފަދަ ވަޒީފާތައް ހޯދުމަށް މެންބަރުންނަށް ގުޅާ މީހުންގެ އަދަދު އިތުރުކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެކަމާ ގުޅިގެން އާޝާން ވިދާޅުވީ އެފްއެސްއެމްގެ އެ ހާލަތު ރަނގަޅުކުރެވެން އޮތް ގޮތަކީ މެންބަރުން އޭނާއަށާއި، އެ ކުންފުނީގެ ސީއޯއޯ މުހައްމަދު މުރާދަށް ގުޅުއްވައި އަދި ކުރައްވައި މެސެޖު 'ރިކުއެސްޓު'ތައް ހުއްޓުނު ދުވަހަކުން ކަމަށެވެ. "އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ދެމީހުންނަށް މިއަންނަ ރިކުއެސްޓުތައް ހުއްޓުނު ދުވަހަކުންހެން މިކަން ކުރެވޭނީ. އެކަން ކުރެވޭނީ މި މޭޒު ވަށައިގެން ތިބި އެންމެންނަށް،" ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންނަށް އިޝާރާތްކުރައްވައި އާޝާން ވިދާޅުވިއެވެ. އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ: ވިދާޅުވީ އެފްއެސްއެމްގެ ހާލަތު ރަނގަޅުކުރެވޭނީ މެންބަރުންގެ 'ރިކުއެސްޓުތައް' ހުއްޓިގެން ކަމަށް -- ފޮޓޯ/ މަޖިލިސް އާޝާން ވިދާޅުވީ ކުންފުނީގެ ކަންކަން ރަނގަޅުކުރަމުންދާ ކަމަށާއި، މީހަކު ކަނޑާލަން ބޭނުންވާ ހިނދެއްގައި ކަނޑާލެވޭ ގޮތަށް ކަންކަން ކުރެވޭނީ މެންބަރުން ވެސް އެއްބާރުލުން ދެއްވައިގެން ކަމަށެވެ. "އެހެންވީމަ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅުއްވާށޭ! އަޅުގަނޑުމެން ވަޒީފާއިން މީހަކު ވަކި ކުރަން ބޭނުންވާ ހިނދަކު، ނޫނީ ޕޮލިހަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ދުވަހަކު އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ދެމީހުންނަށް މެސެޖެއް ވެސް ނުކޮށްލިއްޔާ އަޅުގަނޑުމެންނަށް ރަނގަޅީ،" އާޝާން ވިދާޅުވިއެވެ. "އެއީ އަޅުގަނޑުމެން ދެމީހުންނަނީ ކުންފުނި ހިންގަން ތިބޭ ދެމީހުން. ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެންނަށް ގުޅަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ!" އާޝާން އިތުރަށް ވިދާޅުވިއެވެ. އާޝާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން މީގެ ކުރިން ފޯނު ކޯލެއް އައުމުން މުވައްޒަފު ބަދަލުކުރާ ގޮތަށް އޮތް އުސޫލު ވެސް ވާނީ ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުވައްޒަފުން ގިނަވެފައިވާ އުޅަނދުތަކުން މުވައްޒަފުން މަދުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންކަން ވެސް މޮނިޓާކޮށް ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/213530 އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ވެސް މެއެވެ. އެފްއެސްއެމްއަކީ މީގެ ކުރިން ވަގަށް ތެޔޮ ވިއްކުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އެގޮތުން އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައެއް މިދިޔަ އަހަރު ވެސް ފެންމަތިވިއެވެ. އެ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިންނާއި ގިނަ މުވައްޒަފުންތަކެއް އޭރުވެސް ވަކިކުރިއެވެ. ބާޖުތަކުގައި މަސައްކަތް ކުރާ މީހުން މުސާރައާއި ނުބައްދަލު އެތައް ނުހައްގު މުއްސަނދި ކަމެއް ހޯދާ ކަމުގެ ތުހުމަތު ކުރެވޭތާ އެތައް ޒަމާނެއް ވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ