އޭލެވެލްއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސްގެ ސްކޯލާޝިޕް ލިމިޓްކުރަން އަދި ރަސްމީކޮށް ނިންމާފައެއް ނުވޭ - މިނިސްޓްރީ

އޭލެވެލްގެ ގަދަ 10ގެ އެއްވަނައިގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޯލާޝިޕް 15 އަށް ލިމިޓްކުރަން ރަސްމީކޮށް ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު ވިދާޅުވީ އޭލެވެލް އިމްތިހާން އަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއްގެ އިމްތިހާނެއް ކަމަށާއި، އެ ޔުނިވަރސިޓީގެ ގްރޭޑިންގ ކްރައިޓީރިއާ އަށް 2010 ވަނަ އަހަރުން ބަދަލު ގެނެސްފައިވީ ނަމަވެސް މިހާތަނަށް ރާއްޖެއިން އެބަދަލު ގެނެސްފައި ނުވާކަމަށެވެ.
ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވީ އެޑެކްސެލް އޭލެވެލް އިމްތިހާންގެ އެންމް މަތީ ނަތީޖާ އަކީ އޭ ސްޓަރ ކަމަށް ކަނޑައެޅިނަމަވެސް ރާއްޖޭގައި މިހާތަނަށް ބަލަމުން އަންނަނީ އޭ ގްރޭޑް އަދި އޭ ސްޓަރ އަކީ ހަމަހަމަ ޕޮއިންޓް ދޭ ގްރޭޑްތަކެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އެކަން ބަދަލު ކުރުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މިކަމަކީ ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭކަމެއްކަމުގައި ވެސް ނަޒީރު ވިދާޅުވިއެެވެ.
އޭލެވެލް އިމްތިހާންގެ އެއްވަނަ ހޯދާ ދަރިވަރުންނަށް ދޭ ސްކޯލަރޝިޕް ލިމިޓްކުރުމަކީ މި ބަދަލު ގެނައުމަށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހުށައެޅިފައިވާ ކަރުދާހެއް ކަމަށާއި، ނަމަވެސް ރަސްމީ ބަހެއް ލިބުމަކާއި ނުލާ އެކަރުދާސް މީޑިއާ އާއި ހަމައަށް ގޮސްފައިވާތީ އެކަމާ ހިތާމަ ކުރަައްވަކަމުގައި ޑރ ނަޒީރު ވިދާޅުވިއެވެ.
ރައީސްގެ ސްކޮލާޝިޕަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަމަށްބުނެ ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ވެބްސައިޓުގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން އާއްމުކޮށްފައިވާ އުސޫލާއި ބެހޭ ގޮތުން މީޑިއާ ތަކުގައި ހަބަރު ގެނައުމުން، އެކަރުދާސް ވަނީ ވެބްސައިޓުން އަނބުރާ ނަގާފައެވެ.
އެ އުސޫލުގައި ވާގޮތުން، މީގެ ކުރިން އޭލެވެލް އިމްތިހާނުގެ ގަދަ 10 އަކުން އެއްވަނަ ހޯދާ ހުރިހާ ކުދިންނަށް ރައީސްގެ ސްކޮލަޝިޕް ދެމުން އައި ނަމަވެސް އަންނަ އަހަރުން ފެށިގެން ސްކޮލަޝިޕް ލިބޭނީ އެއްވަނަ ހޯދާ ދަރިވަރުންގެ ތެރެއިން 15 ދަރިވަރުންނަށެވެ.
މީގެ އިތުރުން ރައީސްގެ ސްކޯލާރޝިޕްގެ ދަށުން އެކުއްޖަކު ބޭނުން ކޮންމެ ޤައުމެއްގައި ކިޔެވުމުގެ ފުރުސަތު މީގެ ކުރިން ދެމުން އައިނަމަވެސް، މި އުސޫލުގައި ބުނެފައިވާގޮތުން އެ ފުރުސަތު ލިބިގެންދަނީ ސްކޮލަޝިޕް ލިބޭ 15 ދަރިވަރުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާ ފަސް ދަރިވަރުންނަށެވެ. ދެން ތިބި 10 ކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބެނީ ތަރައްގީވަމުން އަންނަ ނުވަތަ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން ގައުމަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ