ރޯދަމަހު ހުސްނުވެ ދަޅު މަސް ލިބޭނެ، ދަތިވަނީ ރޯމަސް ސްޓޮކް ލިބުމުގައި - މިފްކޯ

ރޯދަމަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯ އިން ހުސްނުވެ މަސް ދަޅު ގެ ސްޓޮކް އާންމުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ފީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިފްކޯގެ ސީނިއަރ އެގްޒެކެޓިވް، ސޭލްސް އެންޑް މާކެޓިން މިފްރާހު ނަސީމް ވިދާޅުވީ މަސްދަޅާއި ވަޅޯމަހާއި މިފްކޯއިން އުފައްދާ އެހެން ބާވަތްތައް ހުސްނުވެ ކަސްޓަަމަރުންނަށް ލިބޭނެ ވަރަށް ސްޓޮކް އެބަހުރިކަމަށެވެ. އެގޮތުން ތެޔޮ މަސްދަޅާ، ފެން މަސްދަޅު، އަދި ވަޅޯ މަހާއި ހިކިމަހުގެ ބާވަތްތުގެ ސްޓޮކް ހުސް ނުވެ މުޅި ރޯދަމަހު ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެކަމަށެވެ.
ނަމަވެސް ރޯމަހުގެ ބާވަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވާކަމަށް މިފްރާހު ވިދާޅުވިއެވެ. އެއީ ރޯމަސް ގެންނަނީ ކޫއްޑޫއިން ކަމުން، މިދުވަސްވަރު ކޮންމެސް ވަރަކަށް ރޯމަސް ގެނައުމުގައި ލަސްތަކެއްވާތީ ރޯމަހުގެ ބާވަތްތަކުގެ ސްޓޮކް ލިބުމުގައި ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަޅުމަސް ފޯރުކޮށްދިނުމަށް ފުރަބަންދުގެ ދުވަސްވަރުވެސް މިފްކޯގެ މަސްފިހާރަ އާއި އެސްޓީއޯ މެދުވެރިކޮށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯ މަސްފިހާރައަށް ގުޅުމުން މަސްދަޅު ޑެލިވަރ ކޮށްދޭއިރު، އެެސްޓީއޯ އީ ސްޓޯ މެދުވެރިކޮށްވެސް ސުޕަމާޓުން މަސްދަޅު ގަނެވޭނެ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.
ރޯދަމަހުގެ ކުރިން މިފްކޯއިން ވަނީ މިދިޔަ 4 އަހަރަށް ފަހު މަސްދަޅުގެ އަގުވެސް ހެޔޮކޮށްފައެވެ. އެގޮތޮތުން މިފްކޯއިން އާއްމުންނަށް 680 ރުފިޔާއަށް ރީޓެއިލްކޮށް ވިއްކި ތެޔޮ މަސްދަޅު ކޭހުގެ އަގު ވަނީ 640 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އާންމު ފިހާރަތަކަށް ކުރިން ހޯލްސޭލްކޮށް 650 ރުފިޔާއަށް ވިއްކި ތެޔޮ މަސް ދަޅު ކޭހެއްގެ އަގު ވަނީ 625 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެއިތުރުން މިފްކޯއިން އާއްމުންނަށް 645 ރުފިޔާއަށް ރީޓެއިލްކޮށް ވިއްކި ފެން މަސްދަޅު ކޭހުގެ އަގު ވަނީ 595 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އާންމު ފިހާރަތަކަށް ކުރިން ހޯލްސޭލްކޮށް 616 ރުފިޔާއަށް ވިއްކި ފެން މަސް ދަޅު ކޭހެއްގެ އަގު ވަނީ 580 ރުފިޔާއަށް ކުޑަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ