ކޮވިޑް-19: ކުޅުދުއްފުށި ސިޓީ ކަރަންޓީނުކޮށްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ސިޓީ ކަރަންޓީނުކޮށްފި އެވެ.
އެ ސިޓީ މޮނިޓަރިންގެ ހާލާތަށް ގެންދިޔައީ ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
ކުޅުދުއްފުށި ކަރަންޓީނު ކުރުމާއިގުޅިގެން އެ ސިޓީގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ރަށަށް އެރުން މަނާވާނެ އެވެ.
ކުޅުދުއްފުށި ސިޓީގެ އިތުރުން ނ. ވެލިދޫ އާއި ނ. ކެނދިކުޅުދޫގެ އާއި ނ. މާފަރާއި ނ. ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. މީގެ އިތުރުން މިއަދު ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވަށް އަދި ށ. މާއުނގޫދޫ ވެސްވަނީ ކަރަންޓީނުކޮށްފައެވެ.
މި ރަށްތައް ކަރަންޓީނު ކޮށްފައި ވާއިރު، މިއިން ބައެއް ރަށްތަކަށް ދަތުރުކުރި "އަމާޒް" ބޯޓުގެ ކައްޕި އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭނާ އަށް މި ބަލި ޖެހިފައިވާކަން އެނގިފައި ވާއިރު، ބޯޓުން 98 މީހުން ދަތުރުކޮށްފައި ވެއެވެ.
މީގެ އިތުރުން އިއްޔެ ށ. ނަރުދޫއިން ވެސް ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 އަށް މީހަކު ފައްސިވި ދެވަނަ ފަހަރެވެ. މީގެ ކުރިން ހއ. އުލިގަމުން ދިވެއްސަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 177 އަށް އަރާފައެވެ. މީގެ ތެރޭގައި 75 ދިވެހިން ހިމެނޭހެން އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައި ވަނީ ވެރިރަށް މާލެއިންނެވެ.
މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން އެރަށުން އަނެއްރަށަށް އަރައި ފޭބުން މަނާކޮށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ފުރަބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ