ފާއިތުވި 40 އަހަރު ދުވަސް ތެރޭ އަހަރީ ފީ ނުދައްކައި ހުރި 7000 ކުންފުނި އުވައިލަނީ

ފާއިތުވި 40 ވަރަކަށް އަހަރު ތެރޭގައި އުފައްދައި، ގަވައިދުން އަހަރީ ފީ ނުދައްކާތާ ގިނަ ދުވަސްވެފައި ހުރި ކުންފުނިތައް އުވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނިންމާފައި ވަނީ 1979 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވައިލުމަށެވެ. އެހެން ނަމަވެސް އެ ކުންފުނިތަކުގެ ވެރީން އެ ކުންފުނިތައް އަލުން ހިންގާން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް މިނިސްޓްރީން ވަނީ ހުުޅުވައިލައިފަ އެވެ.
އެ މިނިސްޓްރީން މިއަދު ވަނީ، ގަވާއިދު ނަންބަރު R1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ، އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން، 1979 އިން 2001 ގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި، އެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑުކުރެވެން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް މިއަދު ވިދާޅުވީ، މިނިސްޓްރީން ނިންމާފައި ވަނީ ބައި ބަޔަށް ބަހާލައިގެން މި މަސައްކަތް ކުރިޔަށް ގެންދަން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ބައިބަޔަށް ބަހާލައިގެން މިކަން ކުރިޔަށް ގެންދިޔުން. މީ އެތައް ޒަމާނެއްވީ އިރު ވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް. އެހެންވީމަ މިކަން ހައްލު ވުމަކީ ވަރަށް މުހިންމު ކަމެއް. އަނެއްކާ އަޅުގަނޑުމެންގެ މަގުސަދަކީ މި ހުރިހާ ކުންފުނިތައް އުވައިލުމެއް ވެސް ނޫން. ކުންފުނި އަލުން ހިންގާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އަޅުގަނޑުމެން އެބަ ދެން. އެ ފަދަ ފަރާތްތަކުން އަމަލުކުރާންވީ ގޮތް ވެސް އަޅުގަނޑުމެންގެ އިއުލާނުން ސާފުވާނެ." ވިސާމް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނީ، މި އިއުލާނާ އެކު ޝާއިއުކޮށްފައިވާ ލިސްޓުގައިވާ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް، 7 ޖުލައި 2019 ގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާ އެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ފާސްކޮށް ހުށަހެޅުމަށެވެ.
އަދި، މި އިއުލާނާއެކު ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމަނާފައިވާ އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ، ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، އެކަމާ ގުޅޭ ތަފްސީލު ވެސް 7 ޖުލައި 2019 ގެ ކުރީން ހުށަހެޅުއްވުމަށް މިނިސްޓްރީންގެ އިއުލާނުގައި ވަނީ އެދިފަ އެވެ. އަދި މިމުއްދަތުގެ ތެރޭގައި އެ ތަފްސީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދައުވާއެއް ނެތީކަމުގައި ބަލާނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސް، ވިސާމް ވިދާޅުވީ މި ކުންފުނިތަކުގެ ތެރެއިން އަލުން ހިންގާން ބޭނުންވާ ކުންފުނި ތަކާއި އުވައިލެވޭ ކުންފުނި ތަކުން އަދާކުރާން ޖެހޭ މާލީ އިލްޒާމުތަކުގެ މައްސަލަތައް ނިންމާނީ ގާނޫނާއި ގަވައިދުގެ ތެރޭން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ