ފްލެޓް ގަންނަން ދައްކާފައި ވާނީ އަމިއްލަ ފައިސާ – މުއާޒް

ހުޅުމާލެ އިން ފްލެޓެއް ގަންނަން ދައްކާފައި ވާނީ އަމިއްލަ ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް ފްލެޓް ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
އޭސީސީ އިން މައްސަލަ ތަޙްޤީޤު ކުރަން ފެށުމުން މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ހުޅުމާލޭ ރެނާޓަސް އިން އެޕާޓްމަންޓެއް ގަތުމަށް ޑައުން ޕޭމަންޓަށް ބޭނުންވި 583000ރ ގެ ތެރެއިން 450000ރ ދައްކާފައިވާނީ ބޭންކް މެދުވެރިކޮށް އޭނާ އަމިއްލަ ފައިސާއިން ކަމަށާއި ބާކީ 133000ރ ދައްކާފައިވާނީ އޭނާގެ ޕެންޝަން ސްކީމުން ކަމަށެވެ.
މުއާޒް ފްލެޓް ގަތް މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް އިންނެވެ.
މުއާޒު ފްލެޓް ގަނެފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ކުންފުންޏަކުން ހަދާފައިވާ "ރެނާޓަސް އިތާމުތް" އިންނެވެ.
މި މައްސަލާގައި މައްސަލައިގައި މުއާޒް އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ. މި މައްސަލަ ބަލަނީ ބީއެމްއެލް މެދުވެރިކޮށް ޝައްކު ކުރެވޭފަދަ ފައިސާގެ މުއާމަލާތެއް އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީ ކަމަށް އޭސީސީ އިން ބުނެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހަށް މުއާޒު މަޑަވެލި ދާއިރާއަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ފަހުން ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ