އެމްޑީޕީ އިން"މިލިޓަންޓު"އުސޫލު ނައްތާލުމަށް ކާނަލް ގޮވާލައްވައިފި

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ މިހާރު އެ ޕާޓީން ގެންންގުޅޭ މިލިޓެންޓް އުސޫލު ނައްތާލައިގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރުމަށް ޑރ. ވަހީދު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަން މުސްތަގިއްލު ކުރުމަށާއި މި އަހަރުގެ ތެރޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގު)ގެ ގޮވާލުމަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ އެ ފަރާތުން އަޅައިފާނެ ހަރުކަށި ފިޔަވަޅަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އަވަސް އިންތިހާބެއް ބޭއްވުމަށް މިހާރު އޮތް ޑރ. ވަހީދުގެ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން މިއަދުގެ ޖަލްސާ އަށް އެމްޑީޕީ އިން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ކާނަލް ވިދާޅުވީ، އަވަސް އިންތިހާބެއްގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާޅުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި މިވަގުތަށް އެމްޑީޕީ އަށް އެންމެ ރަނގަޅު ގޮތަކީ 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތްކުރުން ކަމަށެވެ.
އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ކާނަލް ވިދާޅުވީ، ގަނޫނު އަސާސީ އިސްލާހުނުކޮށް އަވަސް އިންތިހާބެއް ނުބޭއްވޭނެ ކަމަށް ގާނޫނީ އިލްމުވެރިން ވިދާޅުވާ އިރު، ގާނޫނު އަސާސީ އިސްލާހުކޮށް އެކަމާ ގުޅުން ހުރި އެހެންކަންތައް ކޮށްގެން އެންމެ އަވަހަށް އަވަސް އިންތިހާބެއް ލިބޭނީ 2013 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އިސްލާހުކޮށްގެން މިހިރަ ޕްރޮސެސް އަޅުގަނޑުމެން ގެންދަން އެބަޖެހޭ. އެއީ ގާނޫނު އަސާސީގެ ރޫހު ބުނާ ގޮތުން މިފަދަ ނިންމުމެއް ނިންމީމާ އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ވެސް ދާން. ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން ވޯޓާ ރަޖިސްޓްރީ ކުރުމާ ކަންތައް ވެސް އޮންނާނެ. އެހެންކަމުން އަވަސް އިންތިހާބުގެ މުއްދަތު މާޗު މަހުގެ ފަހުކޮޅާ ހިސާބަށް ގާތްގަނޑަކަށް ދެމިގެން އެބަދޭ. އެ ހުރިހާ މަސައްކަތެއްކޮށް ގައުމު ހަލަބޮލި ނުކުރިއަސް އަޅުގަނޑުމެންގެ ތެރޭގައި އިންތިހާބެއް އެބައޮވޭ 2013 ވަނަ އަހަރުގެ ޖޫން މަހު. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު އަޅުގަނޑުމެންގެ ޕާޓީ އަށް އެންމެ ރަނގަޅު ވާނީ އެންޒައިޓީ ނުވަތަ ފިޔަ ފެކްޓާއެއް ]ހަމަނުޖެހުން އުފައްދައިގެން[ އުފައްދައިގެން ރައްޔިތުންގެ ތެރޭގައި އޮޅުވާލުމުގެ މަސައްކަތްތައް ކުރުމުގެ ބަދަލުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި މަސައްކަތްކުރުން،" ކާނަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިފައިންނާއި ފުލުންނާ ޖެހިގެން ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ހުރިހާ ވިޔަފާރިވެރިންނަކީ ހަތުރުންނަށް ހަދައި ހުރިހާ ރިސޯޓްތައް ބޮއިކޮޓްކޮށްގެން ވެސް އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ހިނގާ ނޭދެވޭ ކަންތައްތަކުން އެމްޑީޕީ ދުރުކޮށް ރަނގަޅު މިސްރާބަކަށް އެމްޑީޕީ ގެންދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ސިފައިންނާއި ފުލުހުންނާ ޖެހިގެންނެއް. ޖުޑިޝަރީއާ ޖެހިގެންނެއް. އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ހުރިހާ ސިވިލްސާވަންޓުން އަޅުގަނޑުމެންގެ އެނަމީންނަށް ]ދުޝްމަނުން[ ހަދައިގެންނެއް، އެކަމެއް އަޅުގަނޑުމެންނަކަށް ނުވާނެ، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަކީ އަޅުގަނޑުމެންގެ ހަތުރުންނަށް ހަދައިގެން ވެސް. އަދި ރާއްޖޭގެ ހުރިހާ ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލައިގެން ވެސް. 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވެސް މިހާރު މިގެންގުޅޭ މިލިޓެންޓް އުސޫލު އެމްޑީޕީގެ ތެރޭން ނައްތާލައިގެން. މިއަދު އަޅުގަނޑުމެން ބިރު ފަހަނައަޅާ ދާންވީ ކަލްޓަކުން އެމްޑީޕީނެރެގެން ... ރަނގަޅު މިސްރާބަކަށް އެމްޑީޕީ ގެންދަން،" ކާނަލް ވިދާޅުވި އެވެ.
ކާނަލް އެމްޑީޕީ އަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީގެ އެހެން މެންބަރުން ވާހަކަ ދައްކަވާފައި ވަނީ އަވަސް އިންތިހާބަކަށް ޑރ. ވަހީދުގެ ސަރުކާރު ފުރުސަތުދޭން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ