އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަމީން އަރުވާލަން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް އަމީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް އަރުވާލަން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ. އަމީން އަރުވާލަން ހުކުމް ކޮށްފައި ވަނީ 1 މެއި 2004 ވަނަ ދުވަހުން ފެށިގެން 13 އޭޕްރީލް 2006 ގެ ނިޔަލަށް ރ. އުނގޫފާރުގެ ފައިސާއާ ބެހޭ ކަންތައްތައް އޭނާ ބެލެހެއްޓި އިރު، އެދުވަސްވަރު އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށު އޮފީހަށް ދެއްކި ފައިސާގެ ތެރެއިން އޭނާ ހަވާލުވެ އިންޖީނުގެއަށް ލިބޭ ދުވަހު ފައިސާގެ ގޮތުގައި ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން 36818 ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ހުކުމް ބާތިލްކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އެ މައްސަލާގައި ހަވާލާދޭ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމުގައިވާއިރު، އެ ފައިސާ އޭނާ ނެގުމުގެ ކުރިން ފައިސާ ނެގުމުގެ އިޒުނަ އޭގެ ވެރިފަރާތުން ދީފައިވާކަން ނުވަތަ ނޫންކަން ޝަރީއަތުން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް އަމީން ޚިޔާނާތްތެރިވިކަމަށް ބުނާ ފައިސާގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ނުވަތަ ރައްޔިތުން ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ އެއްވެސް ފަރާތަކުން ޝަކުވާއެއް ކުރިކަން ދައުލަތުން ބުނެފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ. އެ ފައިސާ އަމީން ގެންގުޅެންޖެހޭ ގަވާއިދާ އޭނާ ޚިލާފުވެފައިވާކަން ސާބިތުކުރުމުގައި، އަމީން ޚިލާފުވެފައި ވަނީ ކޮން ގަވާއިދެއްގެ ކޮން މާއްދާއަކާތޯ ކޯޓުން ބަލަންޖެހޭއިރު، އޭނާ ޚިލާފުވެފައި ވަނީ ކޮން ގަވާއިދަކާ ކަމެއް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ބުނެފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ