ޖޭޕީގެ ޕްރައިމަރީގައި ވޯޓްލުން ކުރިޔަށް

ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވޯޓްލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.
ކައުންސިލް އިންތިހާބަށް ޖޭޕީގެ ޓިކެޓު ހޯދަން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ކުރިއަށް ދަނީ ދެ ރަށަކާއެކު މާލޭގަ އެވެ. އެއީ އދ. މާމިގިއްޔާއި އަދި ފެންފުއްޓާއި، މާލެއިން މާފަންނު ހުޅަނގު އުތުރު ދާއިރާ އެވެ.
މާމިގިލި އަދި ފެންފުއްޓަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ދެ ރަށެވެ. އެއީ ގާސިމަށް ރާއްޖޭގައި އެންމެ ތާއީދު ބޮޑުވެސް ދެ ރަށެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ މިއަދު މެންދުރު 2:30 އިން ފެށިގެން ވޯޓްލުން ކުރިއަށްދާ ކަމަށާ ވޯޓް ނެގުން މިރޭ 9:00 ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ވޯޓްލާ ވަގުތު އިތުުރު ކުރީ ވޯޓްލާން ގިނަ ބަޔަކު އަންނަމުންދިއުމާއި، މާމިގިލީގައި ބެހެއްޓި ވޯޓް ފޮށި ފުރި އިތުރު ވޯޓް ފޮއްޓެއް އެރަށައް ފޮނުވަން ޖެހުމުންނެވެ.
ޕްރައިމަރީއަށް މާލޭގައި ތިން ވޯޓް ފޮށި ބަހައްޓާފައިވާއިރު، މާމިގިލީގައި ދެ ފޮށި އަދި ފެންފުށީގައި ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އޭނާ ވިދާޅުވީ މިރޭ ވޯޓް ގުނާ ވަގުތީ ނަތީޖާ ވެސް އިއުލާނު ކުރާނެ ކަމަށެވެ. މިއީ އިންތިހާބަކާއި ދިމާކޮށް ޖޭޕީން ޕްރައިމަރީއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާމިިގިއްޔަށެވެ. އެއީ 21 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން ހަތަރު ކެންޑިޑޭޓަކު މާމިގިލި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއެވެ. އަދި ކައުންސިލް މެންބަރު ކަމަށް ހަތް ކެންޑިޑޭޓުން ވާދަކުރެ އެވެ. ކައުންސިލްގެ އަންހެން ދެ ގޮނޑިއަށް 10 ކެންޑިޑޭޓުން ވާދަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ