އަލީ ވަހީދުގެ މައްސަލާގައި ގޮތް ނިންމާނީ ރައީސް: ގާސިމް

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކްވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެ މައްސަލާގައި ގޮތް ފުރަތަމަ ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިރޭ ބޭއްވި އެޕާޓީގެ ކުއްލި ކައުންސިލް ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ. ލީކްވެފައިވާ އޯޑިއޯއާއި ގުޅިގެން ކައުންސިލް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމުން ގާސިމް ވިދާޅުވީ އޯޑިއޯގެ މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށާއިި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން އިދާރާތަކުން ކުރާނެ ކަމަށެވެ.
އަދި އޯޑިއޯގައި އިވެނީ މިނިސްޓަރުންތަކަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކެއް ކަމަށްވާތީ އެކަންކަމާމެދު ގޮތް ނިންމަވާނީ ރައީސް ކަމަށެވެ. އަދި ރައީސްގެ ނިންމެވުމަށްފަހު ޖުމްހޫރީ ޕާޓީން ނިންމަންޖެހޭ ކަމެއް އޮތް ނަމަ ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި، ސްޓޭޓް އަދި ނާއިބުންވެސް ބައިވެރިވި ކައުންސިލް ބައްދަލްވުމުގައި ލީކްވެފައިވާ އޯޑިއޯތަކާއި ގުޅިގެން ޖޭޕީގެ ތަސައްވުރަށް ވަރަށް ބޮޑު ކިލަނބުކަމެއް ލިބިފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.
ލީކްވެފައިވާ އޯޑިތަކުގައި ވާހަކަދައްކާފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގެ ރައީސްވެސްމެއެވެ.
ބައިބަޔަށް ބަޔަކަށް ލީކްކުރަމުންދާ އޯޑިއޯތަކުގައި މިހާތަނަށް ގިނަ ވާހަކަތަކެއް ހާމަވެފައިވެއެވެ. އޭގެ ތެރޭގައި ވަރަށް ސީރިއަސް ތުހުމަތު ކުރެވޭ ވާހަކަތައް ހިމެނެއެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާއާ ގުޅޭގޮތުން ވަރަށް ހުތުރު ވާހަކަ ދެކެވެއެވެ. ނަހުލާ، ބަދުއަހުލާގީ އަމަލަށް ދައުވަތު ދީފައިވާ ކަމަށާ އިތުރު ބަޔަކާއެކު ނަމަވެސް އެކަން ކުރަން ބޭނުންވާ ކަމަށް ބުނާ ވާހަކަ އަޑުއިވިގެން ދެއެވެ. އަދި ނަހުލާއަށް ގުޅައިގެން ތަފާތު ވާހަކަތައް ދައްކާ އަޑުވެސް އިވެއެވެ.
މައްސަލަ ހޫނުވެފައިވަނިކޮށް އަލީ ވަހީދުވެސް ވަނީ ދެ ޓްވީޓެއް ކުރައްވާފައެވެ. އެ ދެ ޓްވީޓްގައިވެސް އެއީ އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މައްސަލަ ރަނގަޅަށް ބެލުމުން އެއީ ހަގީގަތެއް ނޫންކަން ހާމަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭނާ ވަނީ އެ އޯޑިއޯގެ ވާހަކަތައް ތަހުގީގު ކުރުމަށްވެސް އެދިފައެވެ. ނަމަވެސް މައްސަލަ ރަސްމީކޮށް ހުށައެއް ނާޅައެވެ.
ފުލުހުން މިރޭ ބުނީ އެ އޯޑިއޯތަކާއި ގުޅިގެން ރަސްމީކޮށް މައްސަަލަ ހުށައަޅާފައިނުވިނަމަވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ