ހިޔާ ފްލެޓުތަކުން ކުނި އުކައިދިނުމުގެ ޚިދުމަތަށް ބިލްކުރަން ފަށަނީ

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓުތަކުގެ ކުނި އުކައިދިނުމުގެ ޚިދުމަތަށް ބިލް ކުރުމަށް ވެމްކޯއިން ނިންމައިފިއެވެ.
ވެމްކޯއިން މިހާތަނަށް ހިޔާ ފްލެޓްތަކުން ކުނި އުކައިދެމުން އައިސްފައިވަނީ ހިލެއެވެ. އެހެން ނަމަވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ)އިން ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޚިދުމަތަށް ބިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކަށް ވެމްކޯއިން ކުނި އުކައިދިނުމުގެ ޚިދުމަތަށް މަހަކު 150ރ ގެ ރޭޓުން ބިލް ކުރުމަށް ވަނީ ނިންމާފައެވެ. ވެމްކޯގެ ބިލް އަދި އެކައުންޓުގެ ތަފްސީލް ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.
ވެމްކޯއިން ވިދާޅުވިގޮތުގައި ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ޚާއްސަ ޙިދުމަތެކެވެ. ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" ކެޕްސްގެ ޚިދުމަތަށް އެދުމަށް އެކުންފުނިން އިލްތިމާޒްކުރެއެވެ. ކެޕްސްގެ ޚިދުމަތަށް ބުކިންގ ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ވެމްކޯގެ ހޮޓްލައިން 1666 ގުޅުމަށް ވެމްކޯއިން އެދެއެވެ.
ހުޅުމާލެ ހިޔާ ފްލެޓުގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާ ގުޅިގެން މިކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ޚިދުމަތް އެސަރަހައްދަށް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ