ދަނޑުތަކަށް ބޮޑު ހަރަދުކުރާ އިރު، ކުޅި ބަލަންދާ މީހުންނަށް ވުރެ ފެންޖަހާ މީހުން ގިނަ: ނަޝީދު

ދަނޑުތަކަށް ކުޅި ބަލަންދާނެ މީހަކު ނެތް އިރުވެސް، ދަނޑުތައް އަޅަން އިންތިހާއަށް ހަރަދުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރުގެ ހުނަރު އިތުުރުކުރުމަށް މިވަގުތު މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
މަހުލޫފު ވިދާޅުވީ، މިއަހަރަށް އަމާޒުކޮށްގެން އެންމެ ބޮޑަށް ކުރިއަށްދާ އެއްކަމަކީ އެކިއެކި ކުޅިވަރުތަކުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ކަމަށެވެ.
އެގޮތުން އަންނަ މެއި މަހުގެ ތެރޭގައި ޓީޓީގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މަހުލޫފު ވަނީ އެ މުބާރާތް ބެއްލެވުމަށް މަޖިލިސް ރައީސްއަށާއި މަޖިލިސް މެންބަރުންނަށް ދައުވަތު އަރުވައިފަ އެވެ.
މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، މިނިސްޓަރު ދައުވަތު ދެއްވި މުބާރާތްތައް ބެއްލެވުމަށް މަޖިލިސް މެންބަރުން ކޮންމެސް މިންވަރެއްގެ ޝައުގުވެރިކަމެއް ބެހެއްޓުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. ނަމަވެސް ކުޅި ބަލަންދާ މީހަކު މިއަދު ނެތް ކަމަށް ވިދާޅުވި އެވެ.
“ދަނޑުތައް ހެނދޭ، އަޅުގަނޑު ކުރީ ރެއަކު ޓީވީން ފުޓްބޯޅަ މެޗެއް ބަލަން އިނީމު، ފެންޖަހާ މީހުންނަށްވުރެވެސް ކުޅިބަލަން ތިބި މީހުން މަދު، ކުޅި ބަލާ ހަމަ އެކަކުވެސް އެތާކު ނެތް އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ އެކަން ކަމަށް އިންތިހާއަށް ހަރަދު ކުރަމުން،” މަޖިލިސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ