ގާސިމް މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަން ބ އަތޮޅުން ގިނަ ބަޔަކު ސޮއިކޮށްފި

ޖުމުހޫރީ ޕާޓީގެ ލީޑަރު މިނިވަން ކުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ބ އަތޮޅު ގިނަ ރައްޔިތުން ސޮއި ކޮށްފައިވާ ކަމަށް މިހަރަކާތް ކުރިއަށްގެންދިއުމަށް ތުޅާދޫގައި އިސްވެ ހަރަކާތްތެރިވަމުންދާ ޓީމުގެ މެންބަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ ގާސިމް ދޫނިދޫ ގޮޅިން ނެރުނުކަމުގައި ވިޔަސް ގާސިމް ހުންނެވީ މިނިވަނެއްގެ ގޮތުގައި ނޫން ކަމަށެވެ. ރައްޔިތުންގެ ސޮއި ހޯދުމަށް ކުރި މަސައްކަތް ލޯކަލް ކައުންސިލް އިންތިހާބަށް ހުއްޓާލި ނަމަވެސް މިރޭ އަލުން އައު ހިތްވަރަކާއެކު މިމަސައްކަތް ފަށާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މިފެޓިޝަންއަށް ބ އަތޮޅުން އެކަނި ވެސް 1000އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާ ކަމަށާއި، ބ. އަތޮޅުގެ ގިނަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިޕެޓިޝަންއަށް ލިބޭ ކަމަށް ޝަރީފު ވިދާޅުވިއެެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ނުހައްގުން ޝަރީއަތް ހިންހަގަމުންދާއިރު، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އދ. މާމިގިލީގެ ރައްޔިތުންގެ އިސްވެ ސޮއިކުރަންފެށި މި ޕެޓިޝަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ރައްޔިތުން ދަނީ ސޮއިކުރަމުންނެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ ގާސިމް އިބްރާހީމަކީ ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދާއި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގުރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމުގައިވެސް ބުނެފައެވެ.
މީގެ އިތުރަށް އެމަނިކުފާނަކީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީން ދިވެހިންނަށް އެތައް ހައްގުތަކެއް ހޯއްދަވައިދެއްވުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ ހިނދު، އެ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދިން ހައްގުތައް ބީވެގެން ދިއުމަކީ މިއަދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް،، ގާސިމް އިބްރާހިމް ފަދަ ހިދުމަތްތެރިއަކު ޖަލުގައި ބަންދުކޮށް ބޭއިންސާފުން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށާއި، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައެވެ.
މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅުއްވާނީ ޖުމުހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ