ބަޖެޓުން ފައިސާ ލިބެނީ ތިން ޕާޓީއަކަށް، އެންމެ ގިނަ ފައިސާ އެމްޑީޕީއަށް

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ލިބޭ އަދަދަށް މެންބަރުން ތިބީ ތިން ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގަ އެވެ. އެގޮތުން އެޕާޓީގައި 54،101 މެންބަރުން ތިބިއިރު ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގަ އެވެ. އެޕާޓީގައި 36،073 މެންބަރުން ތިބިއިރު ތިންވަނަ އަށް އެންމެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދަކީ 11،072 މެންބަރުންނެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތައް ކަމުގައި ބަލާނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ތާރީހާ ހަމައަށް 10،000 މެންބަރުން ހިމެނޭ ޕާޓީތަކަށެވެ. ނަމަވެސް ޕާޓީ ތަކަށް ފައިސާ ދޫކުރަނީ އެޕާޓީއެއްގައި 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. މެންބަރުންގެ އަދަދު ބަލަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެޕާޓީއެއްގެ ދަފްތަރުގައި ތިބޭ މެންބަރުންގެ އަދަދަށެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީ ތަކަކީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖޭޕީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް އެމްޑީއޭގައި 8،506 މެންބަރުން ތިބިއިރު އަދާލަތު ޕާޓީގައި ތިބީ 6،789 މެންބަރުންނެވެ. ޕީއެންސީގައި 4،221 މެންބަރުން ތިބިއިރު އެމްޓީޑީގައި ތިބީ 3،279 މެންބަރުންނެވެ. ޑީއާރްޕީގައި 3،033 މެންބަރުން ތިބިއިރު ލޭބަ ޕާޓީގައި ތިބީ 2،977 މެންބަރުންނެވެ. އަދި އެންމެ ރަޖިސްޓްރީ ކުރެވުނު އެމްއާރްއެމްގައި ތިބީ 2،851 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ޕްރޮސެސް ނުކުރެވި ހުރީ ޖޭޕީގެ 1،163 ފޯމާއި، ޕީޕީއެމްގެ 232 ފޯމާއި، އެމްއާރްއެމްގެ 232 ފޯމް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ ޕާޓީތަކުން ހުށަހަޅާ މެންބަޝިޕް ފޯމްތައް ޕްރޮސެސް ކުރުމުގައި އެއްވެސް ޕާޓީއެއް ތަފާތު ނުކުރާ ކަމަށެވެ. އަދި ޕާޓީ ތަކުގެ މެންބަޝިޕް ފޯމްތައް ޕްރޮސެސް ކުރުން މިހާރު ލަސްވަމުން ނުދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާ އަކަށް ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާން ޖެހޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 25.6 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިއަހަރުގެ ބަޖެޓަކީ 37 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ވާތީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 33.4 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ދައުލަތުގެ ބަޖެޓް ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ