އަލިފާނުގެ ހާދިސާގައި ރޯވެ އަރި އަޅާލި އިމާރާތް ތަޅާލަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށް ފެހި މަގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ރޯވެ، އަރި އަޅާލި އިމާރާތް މިއަދު ތަޅާލާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 9:00 ގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އަދި އެ މަސައްކަތުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަލިފާނުގެ ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވި އިރު ތިން އިމާރާތެއް ވަނީ އެއްކޮށް އަނދައި ބިމާ ހަމަވެފަ އެވެ. އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކުރި އެވެ. ނަމަވެސް، އަލިފާން ހިފި ސަރައްދުން ކަޅުހުރާ މަގާއި އަބަދަށްފެހި މަގުގެ ބައެއް ފިޔަވައި އެހެން މަގުތައް ވަނީ ގެތަކުގެ ވެރި ފަރާތަށާއި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަދެވޭ ގޮތަށް މިހާރު ހުޅުވާލައިފަ އެވެ. އަދި މީހުން ހުސްކުރި ބައެއް ގެތަކަށް އަލުން ބަދަލުވާން ވެސް މިހާރު ވަނީ އަންގައިފަ އެވެ. އެ ސަރަހައްދުގައި ގިނަ ގޭގެއިން މީހުން ހުސްކޮށް މުޅި ސަރަހައްދު ބަލަހައްޓަމުން ދިޔައީ އެމްއެންޑީއެފް އާއި ފުލުހުންނެވެ. އަލިފާން ރޯވި ސަރަހައްދުގައި ހުރި ހުރިހާ އެއްޗެއް ނެގުމުގެ މަސައްކަތް ސިފައިން ގެންދަނީ ކުރަމުން އެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު އިރު އެކަކު ވަނީ ނިޔާވެފަ އެވެ. އެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރިގެން އެވެ. ސިފައިން ބުނީ އެ ސަރަހައްދުގައި ހުރި ކަމިކަލް ހަ ގުދަނެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ