ބަކާގެ މައްޗަށް ކުރާ ދައުވާއެއް އަނބުރާ ގެންދިއުމުގެ ފުރުސަތެއް ކޯޓުން ނުދިން
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް(ބަކާ)ގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން އުޅުމުން އެ ފުރުސަތު ކޯޓުން ނުދީ މައްސަލަ މިއަދު ކުރިއަށް ގެންގޮސްފި އެވެ.ކްރިމިނަލް ކޯޓުން ބުނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދައުވާ ބަކާގެ މައްޗަށް ކުރަން ދައުލަތުން ކޯޓަށް ފޮނުވުމަށްފަހު، މިއަދު އޮތް ޝަރީއަތުގައި އެ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން ނިންމާފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި ކަމަށެވެ.ނަމަވެސް ޕީޖީއަކު އައްޔަން ކުރުމުގެ ކުރިން މައްސަލަތައް އަނބުރާ ނުގެންދިއުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާކަން ފާހަގަ ކުރައްވައި، ދައުވާ ހުށަހެޅުމަށް ދައުލަތުގެ ވަކީލަށް ގާޒީ އެންގެވި ކަމަށް ކޯޓުން ބުންޏެވެ. ނަމަވެސް އެކަމަށް ދައުލަތުގެ ވަކީލާ ދެކޮޅު ހެއްދެވި ކަމަށް ކޯޓުން ބުންޏެވެ.އެންމެފަހުން އެ ދައުވާ ދައުލަތުގެ ވަކީލާ އިއްވެވީ އެކަން ނުކޮށްފިނަމަ އަދަބު ކަނޑައެޅިދާނެ ކަމަށް ގާޒީ ވިދާޅުވުމުން ކަމަށް ކޯޓުން ބުންޏެވެ. އެގޮތުން ކޯޓު ހުރުމަތް ކެނޑުމުގެ އަދަބު ކަނޑައެޅިދާނެ ކަމަށް ގާޒީ ވިދާޅުވުމުން ޝަރީއަތުގެ ކިބައިން މައާފަށް އެދުމަށްފަހު، ބަކާގެ މައްޗަށް ކުރާ އެ ދައުވާ ވަކީލާ އިއްވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.އެކަމާ ގުޅިގެން ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ އެ ދައުވާ ދައުލަތުން މިއަދު ކޯޓުގައި އިއްވީ ދައުލަތުގެ ވަކީލަށް "މަޖުބޫރީ ހާލަތެއް" މެދުވެރި ކުރުމުން ކަމަށާއި އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ މިހާރުގެ ވެސް ނިންމުމަކީ އެ ދައުވާ އަނބުރާ ގެންދިއުން ކަމަށާއި އެ ދައުވާ ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ."އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެ މައްސަލައިގައި ހެކި ހުރި ކަމަކަށް، އެހެންވީމާ އަޅުގަނޑުމެންގެ މިހާރުގެ ވެސް ނިންމުމަކީ އެ ދައުވާ ކުރިއަށް ނުގެންދިއުން ނުވަތަ އަނބުރާ ގެނައުން" ޝަމީމް ވިދާޅުވި އެވެ.ޝަމީމް ވިދާޅުވީ މައްސަލަ އަނބުރާ ނުގެނެވޭނެ ކަމަށް އޮންނަ ސުޕްރީމް ކޯޓުގެ އަމުރަކީ ކުރިން ނެރެނު އަމުރު ކަމަށާއި އެ އަމުރަށް ކްރިމިނަލް ކޯޓުން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، މައްސަލަތައް އަނބުރާ ނުގެންދެވޭނެ ކަމަށް ބުނެފައިނުވާކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި އޮފަރޭޝަނެއްގައި ބަކާ ހައްޔަރުކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. ބަކާއަކީ ދިވެހި ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. ބަކާގެ މައްޗަށް މިއަދު އުފުލީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރަން އަތުގައި ބެހެއްޓުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ބޮޑު ހުކުމެއް އޭނާއަށް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ