މުހީތުގެ މަރުގެ މައްސަލާގައި ދެ ކުއްޖަކު މަރަން ކުރި ހުކުމް ބަދަލު ކުރުމަށް އެމްނެސްޓީން ގޮވައިލައިފި

ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެގެން ޖުވެނައިލް ކޯޓުން ދެ ކުއްޖަކު މެރުމަށް ކުރި ހުކުމް ބަދަލުކޮށް، އެ ދެ ކުދިން މެރުމަށް ކުރި ހުކުމް ތަންފީޒު ނުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވައިލައިފި އެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑެއްގެ ތެރޭގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ އޭނާ ސައިކަލެއްގެ މަތީގައި އިންދަ އެވެ. އޭރު އެ ދެ ކުުދިންނަށް 18 އަހަރު ނުފުރުނަސް ހުކުމް އިއްވާފައި ވަނީ އެ ދެ ކުދިންގެ އުމުރުން 18 އަހަރު ފުރުނު ފަހުންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ވެބްސައިޓްގައި އިއްޔެ އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ގޮތުގެ މަތިން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ކުރާ ކުށެއްގެ އަަދަބެއްގެ ގޮތުގައި އެ ކުދިންގެ މައްޗަށް މަރުގެ ހުކުމް ނީއްވޭނެ އެވެ. ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތައް ކަމަށްވާ އިންޓަނޭޝަނަލް ކޮންވެންޝަން އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓް އާއި ކޮންވެންޝަން އޮފް ދަ ރައިޓް އޮފް ދަ ޗައިލްޑް އާ ވެސް ހިލާފް އަމަލެކެވެ.
އެ ދެ ކުދިންގެ މައްޗަށް ޝަރީއަތުން ކޮށްފައިވާ ހުކުމާ މެދު ކަމާ ބެހޭ ފަރާތްތަކުން އަލުން ވިސްނުމަށާއި އެއްވެސް ހާލެއްގައި އެ ދެ ކުންދިންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވިގެން ނުވާނެ ކަމަށް އެމްއެންއެސްޓީގެ އޭސިއާ ސަރަހައްދުގެ ޑެޕިއުޓީ އޭސިއާ ޕެސިފިކް ޑިރެކްޓާ ޕޮލީ ޓްރަސްކޮޓް ވިދާޅުވެފައިވެ އެވެ.
ދިވެހި ރާއްޖެ ވަރަށް ނުބައި މިސްރާބަކަށް ބަދަލުވަމުންދާ ކަމަށާއި ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ ހުކުމްތައް ތަންފީރު ކުރަމުން ގެންދިއުމަކީ އެކަމުގެ ސިގްނަލެއް ކަމަށް ވެސް އެމްނެސްޓީން ބުނެފައިވެ އެވެ.
އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން ވަނަ ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ