ވޯޓުން މަސީހު ވަކިކުރި ނަމަވެސް އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން - ރައީސް ޔާމީން

މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓުތަކާ ގުޅިގެން ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ހުކުމުގައި، މަޖިލީހުގެ ރައީސްގެ ވޯޓުގައި ގޮތެއް ކަނޑައަޅާނީ އެ ކޯޓުން ކަމަށް ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ޕީޕީއެމާ ގުޅިވަޑައިގަތުމަށް އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވޯޓުގެ އަދަދު ހަމަވެ މަސީހުގެ އިތުބާރު ނެތް ކަަމަށް މަޖިލީހަށް ފާސްކުރެވިދާނެ ކަމަށާއި, އެކަން އެގޮތަށް ކުރެވުނު ނަމަވެސް މަސީހުގެ އިތުބާރު ނެތްތޯ ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓުގައި ކަމަށެވެ.
ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ މަޖިލިހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި ފަހު ބަސް ބުނާނީ އެ ކޯޓުން ކަމަށް ކަނޑައަޅާފަ އެވެ. އެކަމަކު އެ ނިންމުމުގައި ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ދެކޮޅަށް މަޖިލިހުގެ މެންބަރުން ނަގާ އިތުބާރުނެތްކަމުގެ ވޯޓެއް ނުހިމެނެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސީހުގެ މަގާމު ގެއްލުވާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން އުސޫލްތަކުގެ ބޭރުން، ގާނޫނާ ޚިލާފަށް މަސީހު ކަންކަން ކުރައްވާފައި ނުވާ ކަމަށެވެ. އަދި މި ވޯޓަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރަން މަޖިލީހުން ފާސްކުރިއަސް އެކަމާ މެދު ވެސް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ މެނިފެސްޓޯ އާއި ފިކުރު ވިއްކައި ގޮނޑި އަށް ހޮވިވަޑައިގަތް ބަޔަކު ޕާޓީ ދޫކޮށް ވަޑައިގަތުމަކީ އެ މެމްބަރުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ހާލަތުގައި، އެންމެ ރަނގަޅު ގޮތަކީ އަދި ރައްޔިތުން އެދޭނެ ގޮތަކީ ވެސް ގޮނޑި ދޫކުރެއްވުން ކަަމަށެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް ރައީސް ވާހަކަފުޅު ދެއްކެވިއިރު، ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.
ރައީސް ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެން ޖެހޭނެތޯ ސުޕްރީމް ކޯޓުން ކަނޑައެޅުމުން ކޯޓުން ނިންމާ ގޮތަކާ އެއްގޮތަށް ދައުލަތުން އަމަލުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ