ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުކުރައްވައިފިކަމަށް ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ މުހައްމަދު ޖަމީލު މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބުދުﷲ ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ޑރ ޖަމީލުގެ ޓްވީޓްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުކުރައްވައިފިކަމަށެވެ. އަދި އެތަށް ކަންތައްތަކަކަށް އިއުތިރާފު ލިބެއްޖެކަމަށްވެސް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެމަނިކުފާނުގެ ރަނިންމޭޓަކަށް އިޚްތިޔާރު ކުރެއްވި ޑރ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ދެންނަ އަންނަ ބަޔަކު ކުރަންޖެހޭ ތަހުގީގުވެސް ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަތަކުން ފަސޭހަވެއްޖެކަމަށެވެ. އަދި ހުކުމް ވަރަށް ސާފުކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުކުރައްވައިފިކަމަށާ އެތަށް ކަންތައްތަކަކަށް އިއުތިރާފު ލިބެއްޖެކަމަށް ޑރ ޖަމީލު ވިދާޅުވިއިރު އެކަންކަމުގެ އިތުރު ތަފްސީލެއް ޖަމީލު ދެއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ޕީޕީއެމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ އެޕާޓީން މެންބަރުން ވަކިވެ ޕާޓީ ބަލިކަށިވެގެންދިއުމާއި، ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ގުޅުވައިގެންވެސް ތަފާތު ވާހަކަތައް ދައްކާފައެވެ.
މީގެ އިތުރަށް ޕީޕީއެމްގެ އެތެރޭގެ ކޯޅުންތަކާއި ގުޅޭގޮތުންވެސް ނޫސްވެރިން ކުރެއްވި ސުވާލުތަކާއި، މިސަރުކާރާއި އަދި ރައީސް ޔާމީނާއި ގުޅުވައިގެން ފެތުރެމުންދާ ބައެއް ކަންކަމާއި ގުޅޭގޮތުންވެސް ރައީސް ވާހަކަދެއްކެވިއެވެ.
އެގޮތުން ސިހުރާއި، ލަންކާގެ ސިހުރުވެރިއެއްކަމަށް ބުނާ މީހަކާއި ރައީސް ޔާމީން އޮންނަ ގުޅުމާއި ގުޅޭގޮތުންވެސް ފުރަތަމަ ފަހަރަށް ރައީސް ވާހަކަދެއްކެވިއެވެ. އަދި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ ބައެއް ވާހަކަތައް ރައީސް ވިދާޅުވިއެވެ.
ޑރ ޖަމީލު ވިދާޅުވިފަދައިން ގިނަ ގޯސްތަކެއް ހައްދަވާ ގާނޫނާއި ޚިލާފަށް ކަންތައްތަކެއް ކުރައްވާފައިވާކަން ރައީސް ޔާމީންގެ ރޭގެ ވާހަކަފުޅު ހާމަވިކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ރައީސަށް ފާޑުކިޔަމުންނެވެ.
ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުކުރައްވައިފި: ޑރ ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ