މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ނުކުރާނެ: ގާސިމް
ްރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ނުކުރާނެ ކަމަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވާއިރު މެމްބަރު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މިރޭ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމައްސަލަ ދައުލަތުން ހުށަހެޅި ގޮތަށް ހުކުމް ކޮށްފި ނަމަ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު އިދިކޮޅު މަޖިލިސް މެމްބަރުންނާ ސުވާލު ކުރީ، އެހެންވެއްޖެ ނަމަ އެބޭފުޅުންގެ "ޕްލޭން ބީ" އަކީ ކޮބާތޯ އެވެ؟ އެ ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ "ސުޕްރީމް ކޯޓުން އެގޮތަށް ހުކުމެއް ނުނެރޭނެ" ކަމަށެވެ. އެގޮތަށް ހުކުމެއް ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. ގާސިިމް އިޝާރާތް ކުރެއްވީ 2012 ވަނަ އަހަރު ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައެއްގެ ވާހަކައަށެވެ. އެއީ ކައުންސިލަރުންނަށް އިންތިހާބުވާ ފަރާތްތަކުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް އޭރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްލާހުގެ ވާހަކައެވެ. ގާސިމް ވިދާޅުވީ އޭރު އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްގެން ކަމަށާއި އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ މެމްބަރުންނާ ގުޅޭ މައްސަލާގައިވެސް ހަމަ އެފަދައިން ކަންތައް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. މިރޭ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން މަޖިލިސް މެމްބަރުން ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ދެކޮޅު ހައްދަވައި ވާހަކަފު ދައްކަވާފައެވެ. މެމްބަރުން ވިދާޅުވީ އެފަދަ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލިސް މެމްބަރުންނަށް ލިބިގެންވާ ހައްގުތަށް ނިގުޅައިގަތުމަށް ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް ދައުލަތުގެ ފަރާތުން އެގޮތަށް މައްސަލަ ހުށަހެޅުއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އިދިކޮޅު މެމްބަރުން އެ އިސްލާހާ ދެކޮޅު ނަމަވެސް ޕިޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ. މިހާތަނަށް ޕާޓީ ބަދަލުކޮށްފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކަނަޑައަޅައިފި ނަމަ 25 މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ. އޭގެތެރޭގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ހިމެނޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ