އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިތުރު ނަންތަކެއް ފޮނުއްވައިފި

އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިތުރު ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށްޓަކައި މި ފަހަރު މަޖިލީހަށް ނަން ފޮނުއްވި ތިން ބޭފުޅުންނަކީ އެ ކޮމިޝަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދަފްތަރު ނަމްބަރު 1896 ޝޭހު ޝުއައިބު ޔޫސުފާއި ކުރީގެ އެޓޮލްސް މިނިސްޓްރީގެ ނާއިބު، މ. ފުސްފަރާގުގޭ މުހައްމަދު ފާރޫގާއި އަމިއްލަ ކުންފުންޏެއް ހިންގަވާ ބޭފުޅެއް ކަމަށްވާ ހ. ހައްދުންމަތީގޭ ހަސަން ރައީފެވެ.
ރައީސް އޮފީހުން ބުނީ އެއީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، އާންމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަ ދެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ފަހަރު މަތިން ނަންތައް ފޮނުއްވައިފަ އެވެ. އޭގެ ތެރެއިން ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު އިބްރާހީމާއި މެމްބަރު ހަސަން ޝާހުގެ ނަން ވަނީ މަޖިލީހުން ދެ ފަހަރު ވެސް ބޭރުކޮށްލައިފަ އެވެ. އަދި އެ ދެ ނަން ތިން ވަނަ ފަހަރު ފޮނުއްވުމުން މަޖިލީހުގެ އިދާރާ އިން އަނބުރާ ފޮނުވާލި އެވެ. މީގެ އިތުރުން ކޮމިޝަންގެ ނާއިބު ރައީސް ހުސެއިން ސިރާޖުގެ ނަން މަޖިލީހަށް ފޮނުއްވުމުން އެ ނަން ވެސް ވަނީ ބޭރުކޮށްލައިފަ އެވެ.
ފަސް މެމްބަރުން އައްޔަން ކުރަން ޖެހޭ އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް މަޖިލީހުން ރުހުން ދީފައި ވަނީ މިހާރު ވެސް އެ ކޮމިޝަންގެ މެމްބަރުގެ ގޮތުގައި ހުންނެވި ފުއާދު ތައުފީގުގެ އިތުރުން އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ