ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރި ހ. ރީނދޫގޭ، އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން، ފްރީޒްކޮށްފައިވާ އޭނާގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ފުލުހުންނަށް ޖިނާއީ ކޯޓުން ބުރާސްފަތި ދުވަހު އަމުރެއް ނެރެފި އެވެ.
ޖިނާއީ ކޯޓުގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ފްރީޒްކޮށްފައިވާ އާދަމް ނަސީރުގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ފުލުހުންގެ އިތުރުން ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ކޯޓުން ނެރުނު އަމުރުގައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭންކުތަކެއްގައި ހުރި ކިތައް އެކައުންޓް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ކޯޓުން އެގޮތަށް އަމުރުކުރި ނަމަވެސް އެ މައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވާތީ އެކަން އެގޮތަށް ބޭއްވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ވެސް ނުދެއްވަ އެވެ.
ޖިނާއީ ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވެފައި ވަނީ، ސި. ހިތަދޫގައި އާދަމް ނަސީރު ދިރިއުޅޭ ލައިޓް ޝެޑޯ ގެއިން ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަން ސާބިތުވާ ވަރުގެ ކާފީ ހެކި ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އޭނާގެ މައްޗަށް ކުރި، ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށާއި ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނަކަށް މެނުވީ ބޭހުގެ ގޮތުގައި ބޭނުން ނުކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ލައިޓް ޝެޑޯ ގެއިންނާއި އޭނާ މާލޭގައި ދިރިއުޅޭ ހ. ރީނދޫ ގެއިން ފެނުނު ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އާދަމް ނަސީރުގެ އަތުންނާއި އޭނާ ސ. ހިތަދޫ އަދި މާލޭގައި ދިރިއުޅޭ ގެއިންނާއި އޭނާގެ އަންހެނުން އަތުން ފުލުހުން ވަނީ 5.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފަ އެވެ.
އާދަމް ނަސީރުގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ