އާމްދަނީގެ ބިލްތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިކަށް ގާސިމް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރެވެނިއު ބިލްތައް ދިރާސާކުރުމުގެ މަސައްކަތް ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހޮވައިފި އެވެ.
ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މުގައްރިރަކަށް ހޮވާފައިވާއިރު ނައިބު މުގައްރިރަކަށް ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހޮވާފައިވަނީ ނުވަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ޓައިމްލައިނެއް އެކުލަވާލައި އެޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، މިމަހުގެ 30 ގެ ކުރިން ސަބް ކޮމިޓީގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް ފާސްކޮށްފަ އެވެ. އަދި ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ މާދަމާ ހެނދުނު 10:00 ޖަހާއިރު ސަބް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މެންބަރުން އެއްބަސްވުމަށްފަހު އެވެ.
ޖުމްލަ 11 މެންބަރުން ހިމެނޭ ސަބް ކޮމިޓީގައި ހިމެނެނީ ސަރުކާރު ކޯލީޝަންގައި ހިމެނޭ ޕާޓީ ތަކަށް ނިސްބަތްވާ ފަސް މެންބަރުންނާ އެމްޑީޕީގެ ފަސް މެންބަރުންނާ ކާނަލް މުހައްމަދު ނަޝީދު އެވެ. ސަރުކާރު ކޯލީޝަންގެ ފަރާތުން ކޮމިޓީގައި ހިމެނެނީ ގާސިމް އިބްރާހީމްގެ އިތުރުން ޖޭޕީގެ ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދާއި، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއާއި އަދި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އެވެ. އެމްޑީޕީގެ ފަރާތުން ކޮމިޓީގައި ހިމެނެނީ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާއާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއާއި އއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ