ޕީއެފްއޭ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސުއަރޭޒަށް

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް އަށް ލިބިއްޖެ އެވެ.
ޕީއެފްއޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޮވަނީ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ވޯޓަކުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވަނީ، ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން 30 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ލީގުގައި އިތުރު 12 ލަނޑު ކާމިޔާބުކޮށް ދިނުމުގައި ސުއަރޭޒް އެހީތެރިވެދީފައި ވެއެވެ. އޭގެ އިތުރުން ޕްރިމިއާ ލީގު ލިވަޕޫލް އަށް ކާމިޔާބު ނުވާތާ 24 އަހަރަށް ނިމުމެއް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ސުއަރޭޒްގެ ދައުރު ބޮޑެވެ.
އެއާއެކު އުމުރުން 27 އަހަރުގެ ސުއަރޭޒް ވަނީ ޕްރިމިއާ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެލަން ޝިއެރާގެ ރެކޯޑާއި ކައިރި ކޮށްލައިފަ އެވެ. ލީގުގައި ރޮނާލްޑޯ އަދި ޝިއެރާ ސީޒަނެއްގައި ކުޅުނު 38 މެޗުން 31 ލަނޑު ކާމިޔާބުކޮށްފައި ވާއިރު، ލިވަޕޫލަށް މިސީޒަންގައި އަދި ބާކީ ދެ މެޗު އޮތުމުން ސުއަރޭޒް އަށް މި ރެކޯޑާ އެއްވަރުކުރުމުގެ ނުވަތަ ރެކޯޑް މުގުރާލުމުގެ ފުރުސަތު އެބަ އޮތެވެ.
ޕީއެފްއޭ އިން 1974 ވަނަ އަހަރު ދޭން ފެށި މި އެވޯޑް އެންމެ ފަހުން ހޯދީ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ގެރެތު ބޭލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ