ގައުމު ތަރައްގީވާނީ ޓެކްސްގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވަދެގެން: ގާސިމް

ގައުމު ތަރައްގީވެގެންދާނީ ޓެކްސްގެ ނިޒާމުގެ ތެރެއަށް ވީހާ ވެސް ގިނަ މީހުން ވަދެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އިންކަމް ޓެކްސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވަނީ ހިތި ބޭހުގެ މިސާލެއް ޖައްސަވައިފަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރަނގަޅުވާނެކަމުގެ އުއްމީދާއެކު ކާލަންޖެހޭ ހިތި ބޭސް ވެސް ހުންނާނެ ކަމަށެވެ.
އެކަމަކު އޭނާ އެ މާނަ ކުރެއްވަނީ އިންކަމް ޓެކްސްއަކީ ހިތި ބޭސް ގުޅައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހިތި ބޭހުގެ މިސާލުން އިންކަމް ޓެކްސާ ގުޅޭގޮތުން ވާހަކަދެއްކެވި އިރު، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން އަންނަ އެޕްރީލް އެކަކުން ފެށިގެން ޓެކްސް ނަގަން ފަށާނެ އެވެ. އިންކަމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން 60،000ރ. ލިބޭ މީހުންގެ އަތުންނެވެ.
އެ ބިލާ ގުޅޭގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ގާސިމް ވޯޓު ދެއްވީ އިންކަމް ޓެކްސް ނެގުމުގެ ބިލް ފާސްކުރުމާ ދެކޮޅަށެވެ. އިންކަމް ޓެކްސްގެ ބިލާ ގުޅޭގޮތުން މަޖިލިހުގެ ތަޅުމުގައި ހުށަހެޅި ބައެއް އިސްލާހުތަކަށް ވެސް ގާސިމް ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އަޣުލަބިއްޔަތުން އެ ބިލް ވަނީ ފާސްވެފަ އެވެ.
ގާސިމް ވިދާޅުވީ ޓެކްސް ދައްކައިގެން ދައުލަތަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަރާބަރަށް ރައްދުކުރެވިއްޖެނަމަ، ހުން އައިސް ތުރުތުރު އަޅާ އޮތް މީހާ ވެސް ހިތި ބޭސް ކައިގެން ރަނގަޅުވުމުގެ ނަސީބު އެބައޮތް ކަމަށެވެ. އެހެންވެ ގައުމު ތަރައްގީކުރުމަށްޓަކައި ޓެކްސްގެ ނިޒާމުގެ ތެރެއަށް ވީހާ ވެސް ގިނަބަޔަކު ވަނުމަށް ގޮވާލެއްވި އެވެ.
"އެކަން ކުރުމުގައި [ޓެކްސް ދެއްކުމުގައި] ހިތްބަރުކަމެއް ނެތި ސަރުކާރުން ނިންމި ނިންމުގައި އެއްބާރުލުން ދޭން ތިބީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ