ގޮތްނޭނގޭ މީހަކު ވެރިކަަމަށް ގެންނާކަށް ރައްޔިތުން ބޭނުމެއްނުވޭ: އަދުރޭ
ތަޖުރިބާ ނެތް ގޮތްނޭނގޭ ވެރިޔަކު ރައްޔިތުން ބޭނުން ނުވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަދަ ރައްޔިތުންނަށް ގޮތް ރަނގަޅަށް އެނގޭ ބޭފުޅެއްކަމަށާއި ތަޖުރިބާ ނެތް ގޮތްނޭނގޭ ވެރިޔަކު ރައްޔިތުން ބޭނުން ނުވާކަމަށެވެ. "ރައްޔިތުން ބޭނުންވަނީ ތަރައްގީ ދައްކާފައި އޮތްވެރިޔެއް. ގޮތް ނޭނގޭ ތަޖުރިބާ މަދު ވެރިޔެއް ބޭނުމެއްނުވޭ،" އަދުރޭ ވިދާޅުވިއެވެ. ގާނޫނުގެ ތެރެއިން ލިބެންޖެހޭ މިނިވަންކަން ކޮންމެ ބޭފުޅަކަށްވެސް ލިބޭނެކަމަށާއި މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާ ރައީސަކީ ކިހާވަރެއްގެ ގާބިލު ބޭފުޅެއްކަން ރައްޔިތުންނަށް އެގެންޖެހޭ ކަމަށެވެ. "މިއުޅެނީ ދައުލަތެއް ހިންގާނެ ވެރިޔަކު ހޯދަން. އެއީ ކިހާވަރެއްގެ ގާބިލް ބޭފުޅެއްކަން ރައްޔިތުންނަށް އެގެންޖެހޭ،" އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަކީ ދުވަހަކު ވެސް ރާއްޖެ ނުދެކޭފަދަ އިގްތިސޯދީގޮތުން ކުޅަދާނަ ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން އުޅެނީ ރައީސް ޔާމީން ގެންނަވާ ތަރައްގީ ފެނި ހަޖަމު ނުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އިގްތިސާދީ ގޮތުން ދުވަހަކުވެސް ރާއްޖެ ނުދެކޭފަދަ ކުޅަދާނެ ބޭފުޅެއް. ގައުމު އިސްލާމް ދީނުގެ މަތީގައި ބޭއްވުމަށް ހަރުދަނާ އިގްތިސާދެއް ބޭނުންވޭ،" ޕީއެސްއެމްގެ "ދެންްކޮންސުވާލެއް" ޕްރޮގްރާމުގައި އަދުރޭ ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ދައުލަތް އޮތީ އަރައިނުގަނެވޭ ވަރުގެ އަޑި ގަޑެއްގެ ތެރޭގައިކަމަށާއި އެކަން ކަމުން އަރައިގަނެ ދައުލަތް ހަމަ މަގަށް އަޅުއްވައިދެއްވީ ރައީސް ޔާމީން ކަމަށެވެ. ރައީސް ނަޝީދުގެ ސަރުކާރުން އިސްލާމްދީން ނޫން އެހެން ދީންތަކެއް ރާއްޖެ ގެންނަން އުޅުނު ކަމަށް އަދުރޭ ވަނީ ތުހުމަތުކުރައްވާފައެވެ. އަދުރޭ ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެެއް ގެންނަން ރައީސް ނަސީދުގެ ސަރުކާރުން ކުރެއްވި ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. "ރައީސް ނަޝީދުގެ ސަރުކާރުން އެހެން ދީނެއް ރާއްޖޭގައި ބާއްވަން ޖެހޭ ކަމަށް ބުނެ އެހެން ދީނެއް ގެނައުމަށް ކުރި މަސައްކަތް ތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. މިކަހަލަ ދީނާއި ޚިލާފް ދީން ފޮހެލުމަށް ގިނަ ކަންތައްތަކެއް ރައީސް ނަޝީދުގެ ސަރުކާރުގައި ކޮށްފައިވޭ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ