އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބުނުވުމުގެ ފުރިހަމަ ޒިންމާ ރައީސް އަބުދުﷲ ޔާމީން ނަންގަވަންޖެހިވަޑައިގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު މިހެން ވިދާޅުވީ ދިވެހިރާއްޖެއާ ވާދަކޮށް އިންޑޮނޭޝިއާއިން އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ މީގެ ކުރިންވެސް ތަކުރާރުކޮށް އޭނާ ވިދާޅުވެފައިވާ ފަދައިން ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީއަކީ ހަމައެކަނި ދުނިޔޭގެ ފައިދާއަށް އަމިއްލަ އެދުމައިގެން އުޅޭ ސިޔާސީ ބޭފުޅެއްކަމަށެވެ. އދ ގައި ލިބުނު ބޮޑު ނާކާމިޔާބީގައި ރައީސް ޔާމީން އަމިއްލައަށް ޒިންމާ ނަގަންޖެހޭކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ ރައީސް ޔާމީން އެކަމުގެ ޒިންމާ ނަގަންޖެހޭ ސަބަބަކީ ޕަބްލިސިޓީ ހޯދުމަށާއި، ސެލްފީ ނެގުމަށް ގޮސް ހުސްވެފައިވާ ވަޒީރެއްކަމަށްވާ ޑރ ޝައިނީއަށް މި ވޯޓްގައި ރައީސް ޔާމީން ބަރޯސާވުންކަމަށެވެ.
ދިވެހިރާއްޖެއާ ވާދަކޮށް އިންޑޮނޭޝިއާއިން އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ވޯޓްގެ ކުރިން ސަރުކާރުގެ އިސްވެރިން ގެންދެވީ މި ގޮނޑި ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވަމުންނެވެ. ހާއްސަކޮށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ގެންދެވީ މި ގޮނޑި ރާއްޖެއަށް ކާމިޔާބުކުރުމުގައި ޔޫރަޕްގެ ގައުމުތަކާއި، އަވައްޓެރި ގައުމުތަކުގެވެސް ތާއީދު ލިބޭނެކަމަށް ވިދާޅުވަމުންނެވެ.
އަދި ވޯޓްގެ ކުރިން ޑރ ޝައިނީ ގެންދެވީ ރާއްޖެއާއި ދެކޮޅަށް ބޭރު ދުނިޔޭގައި އިދިކޮޅު ސިޔާސީ ލީޑަރުން ކެންޕެއިން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ އެ ބޭފުޅުންގެ އަގު ވައްޓާލުމަށްވެސް ތަފާތު ވާހަކަތައް ދައްކަމުންނެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް ނަގާފައިވަނީ ސިއްރު ވޯޓެކެވެ. މި ވޯޓުގެ ނަތީޖާ ދައްކާގޮތުން އިންޑޮނޭޝިއާއިން 144 ވޯޓު ހޯދި އިރު ރާއްޖެއަށް ލިބުނީ 46 ވޯޓެވެ.
ވޯޓުން ބަލިވެ ރާއްޖެއަށް ނާކާމިޔާބާ ކުރިމަތިލާންޖެހުމުންވެސް ސަރުކާރަށް ތާއީދުކުރާ ބައެއް ބޭފުޅުން ގެންދަވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެ ކުރިމަތިލާ ވާދަކުރިކަމަށްޓަކައިވެސް ރައީސް ޔާމީނަށް ތައުރީފުކޮށް ޝުކުރު އަދާކުރަންޖެހޭކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.
ނާކާމިޔާބުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ: އަހުމަދު މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ