ޑޮލަރު ރޭޓަށް ބަދަލު ގެނައުމުން ހާބަރު ކަޑަތަކުން ކާބޯތަކެތީގެ އަގު ބޮޑުކުރަން ނިންމައިފި

ޑޮލަރު ގަނެ ވިއްކާ އަގަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ހާބަރު ކަޑަތަކުން ވިއްކާ އާންމު ކާބޯތަކެތީގެ އަގުތައް ބޮޑުކުރުމަށް އެ ކަޑަތަކުން މިއަދު ނިންމައިފި އެވެ.
މާލޭ ހުޅަގު ދެކުނު ހާބަރު ސަރަހައްދުގެ ކަޑަތަކުގެ އިސް ވެރިންގެ މެދުގައި މިއަދު ހަވީރު ވަނީ ބައްދަލުވުމެއް ބާއްވާ ކާބޯތަކެތި މިހާރު ހުރި އަގު 20 ޕަސެންޓާއި 22 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފަ އެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ.
"އަޅުގަނޑުމެން އެންމެން މަޝްވަރާ ކުރުމަށްފަހު މިނިންމީ މިހާރު އަޅުގަނޑުމެންނަށް ސަޕްލައި ކުރާފަރާތްތަކުންނާއި އަދި ބާޒާރު ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތީގެ އަގުތަށް ބާޒާރުގައި ވަރަށް ބޮޑަށް އަގު ބޮޑުވީމަ ރަނގަޅަށް މިހިދުމަތް ދިނުމަށް އަގުތައް ބޮޑުކުރަން،" އެ ބައްދަލުވުން ބޭއްވުމުގައި އިސްކޮށްއުޅުނު ވުނަދާނަ ކެފޭގެ އޯނަރު އަހުމަދު މައުރޫފް ވިދާޅުވި އެވެ.
އެއްނަމްބަރު ކަޑަ އަލިބެ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ހާބަރުގައި ހުރި ހުރިހާ ކެފޭތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މަޝްހޫރު ވިޔަފާރި ވެރިޔާ މުހަންމަދު މޫސާ (ޗަންޕާ)ގެ މަންދޫބެއް އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
"ހުރިހާ ހޮޓާތަކުގެ ވެރިން ވެސް އިއްތިފާގުން އެދެމެދުގެ ( މިހާރުގެ އަގަށް 22-20 ޕަސެންޓް) އަގުތަކަކަށް އަގު ބޮޑުކުރުމަށް އެއްބަސްވި،" މައުރޫފް ވިދާޅުވި އެވެ.
މާލޭގެ ގިނަ ބަޔަކު ބޭނުންކުރާ ހާބަރު ކަނޑަތަކުގެ އަގުތަށް އެއްހަމައަކުން ބޮޑުކުރަން އެ ވިޔަފާރިވެރިން އެއްބަސްވުމުން ކުރިން ތިން ރުފިޔާއަށް އެ ތަންތަނުން ލިބުނު ފެންފުޅި ދެން ވިއްކާނީ ދެ ރުފިޔާ ބޮޑުކޮށް ފަސްރުފިޔާ އަށެވެ. އަދި އާންމުކޮށް އެ ކަޑަތކުން މީހުން ބޭނުންކުރާ ކޮފީ އާއި ދުފުމުގެ އަގުވެސް ބޮޑުކުރާނެ ކަމައް އެ ވިޔަފާރިވެރިން ބުނެ އެވެ.
އެޕްރީލް 10 ވަނަ ދުވަހުން ފެށިގެން ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ސަރުކާރުން ޕެގް ކުރީ ރާއްޖޭގައި އުފެދިފައި އޮތް ޑޮލަރުގެ ބުލެކް މާކެޓް ނައްތާލައި ޑޮލަރު ހަމަ އަގުގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. އޭގެ ފަހުން މުހިންމު ބައެއް ކާބޯ ތަކެތީގެ އަގުތަށް ބާޒާރުގައި ވަނީ ބޮޑުތަނުން މައްޗައް ގޮސްފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ އަގު ބޮޑުތަނުން ބޮޑުކުރަން ނިންމިއިރު މައި ހޮސްޕިޓަލު އައިޖީއެމްއެޗުންވެސް އިއްޔެ ބުނީ އެތަނުގެ އަގުތައްވެސް ކައިރި މުސްތަގުބަލެއްގައި ބޮޑުވުމަކީ ގާތްކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ