އިސްކަންދަރު ސްކޫލުގެ ރަން ޔޫބީލް: އަހަރަކަށް ދެމިގެންދާ ހަރަކާތްތައް ފަށަން ހާއްސަ އެސަމްބްލީއެއް ބާއްވަނީ

އިސްކަންދަރު ސްކޫލުގެ ރަން ޔޫބިލް ފާހަގަކުރުމުގެ ގޮތުން އަހަރަކަށް ދެމިގެންދާ ގޮތަށް އެ ސްކޫލުން ހިންގާ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު ޚާއްސަ އެސަމްބްލީއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްކަންދަރު ސްކޫލުން ބުނި ގޮތުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން މިދިއަ 50 އަހަރު އެ ސްކޫލުން ކިޔެވި މީހުން ވެސް މިއަދު ހަވީރު 4.30 ގައި ސްކޫލަށް އެއްވާނެ އެވެ.
ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެ ސްކޫލުން އުފައްދާފައިވާ އިސް ކޮމެޓީގެ މެމްބަރު އަދި ލީޑިން ޓީޗަރު އައިމިނަތު ނައީމް (އައިންތު) ވިދާޅުވީ މޭ ،10 1961 ގައި ހަމީދިއްޔާ މޮންޓަސޫރީ ސްކޫލުގެ ނަމުގައި ހިންގި އިރު ކިޔެވި ދަރިވަރުން ވެސް މިއަދު ހަވީރު އޮންނަ ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ދަރިވަރުން ވެސް ތިބޭނީ ސްކޫލުގެ ކުލަ ކަމަށްވާ، ރަތާއި ހުދުން ޖަރީވެގެންނެވެ.
"ގޯލްޑެން ޖުބިލީގެ ހަރަކާތްތައް އަޅުގަނޑުމެން މި ފަށަނީ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުން އަދި އެ ކުދިންގެ ބެލެނިވެރިންނާ އެކު ސްކޫލުގެ ހޯލުތެރެއަށް އެއްވެ ކުޑަ ހަފްލާއަކުން. މިއީ ވަރަށް ތާރީޚީ ވަގުތުކޮޅަކަށް ވާނެ،" އައިންތު ވިދާޅުވި އެވެ.
މިހާރު 2،000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން ގެންދާ އަދި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕްރައިމަރީ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އައިންތު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ކޮންމެ މަހަކު ވެސް ވަކި ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ސްކޫލްގެ ހިސްޓްރީއާ ބެހޭ ގޮތުން ޑޮކިއުމެންޓްރީ ފިލްމަކާއި ފޮތެއް ތައްޔާރުކުރުމާއި ސްކޫލުގެ ފެއާއެއް ބޭއްވުމާއި އަންނަ މާޗް މަހާ ހަމައަށް އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުން ބުނީ ކޮންމެ ހަރަކާތަކަށް ވެސް، ވަކި ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެކަމުގައި ވެސް ހަރަކާތްތެރިވަނީ ސްކޫލުގެ އިސް ދަރިވަރުންނާއި ބެލެނިވެރިން ކަމަށެވެ. އަދި ހަރަކާތްތަކަށް ފަންޑު ހޯދުމަށް، ސްޕޮންސަޝިޕްގެ އިތުރުން ކާނިވަލާއި ފެއާ ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ސްކޫލުން ބުނެ އެވެ.
"ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް މިކަމުގައި ލިބޭ. އަދި އިސް ދަރިވަރުންގެ ފަރާތުން ވެސް ބޮޑު ސަޕޯޓެއް ލިބޭތީ މިހާ ފުރިހަމަކޮށް މިކަންތައް ކުރިއަށް މި ގެންދެވެނީ،" އައިންތު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ