ނިއު ޕޯޓް ހިންގި ބިން ހަވާލުކުރުމުގެ ހުކުމް ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެ ނުދޭން ނިންމައިފި

ނިއު ޕޯޓް ވިއު ހިންގި ބިން ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ނިއު ޕޯޓް ހިންގި ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓް ފޯމެއް ހަދަން ސަރުކާރުން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެތަނުގެ ކުލި ނުދައްކާ ކަމަށް ބުނެ ދައުލަތުން ކޯޓަށް ހުށަހެޅުމުން މިދިޔަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެތަނުގެ ކުއްޔަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި 15 ދުވަސް ތެރޭގައި އެ ބިން ސަރުކާރާ ހަވާލު ކުރުމަށެވެ.
އެ މައްސަލަ ސްޓްރާޑާ ކުންފުނިން ހައި ކޯޓުގައި ކުރިން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އަދި އިސްތިއުނާފް މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން އެ ކުންފުނިން އެދުމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާ ކަން އެނގިފައިވެ އެވެ. އެކަމަކު އިސްތިއުނާފް މައްސަލަ ހައި ކޯޓުން އަދި ނުނިންމަ އެވެ.
ނިއު ޕޯޓް ވިއު ހިންގި ބިން ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމިއިރު، ދާދިފަހުން ޕްލޭނިން މިނިސްޓްރީން ވަނީ އެތަނުގައި ތަޅު އަޅުވައިފަ އެވެ. އިސްތިއުނާފް މައްސަލަ ނުނިމެނީސް، ސަރުކާރުން އެގޮތަށް އަމަލު ކޮށްފައިވާތީ އެކަމާ ގުޅިގެން ސްޓްރާޑާ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ