ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ފިލްމް ފޯ ޗޭންޖް 2018 ފަށައިފި

ދިރާގާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދާ ފިލްމް ފޯ ޗޭންޖް 2018 ފަށައިފިއެވެ.
ފިލްމް ފޯ ޗޭންޖަކީ ދިރާގާއި ޔޫއެންޑީޕީއާ ގުޅިގެން 2017 ވަނަ އަހަރު އަލަށް ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ މުޖުތަމައުގައި ސަމާލުކަމަށް ގެންނަން ޖެހޭ ފަދަ މައްސަލަތައް ފާހަގަކުރުމަށް ޒުވާނުންނަށް ބާރުއަޅައި އެކަންތައްތައް ފިލްމެއްގެ ސިފައިގައި މީހުންނާ ހަމައަށް ގެނައުމަށް ތަމްރީނު ކޮށްދިނުން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން ބުނީ ދެ ބަޔަކަށް ބަހާލާއިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ތަމްރީނު ކުރެވޭނީ ކުރު ފިލްމްތައް ހެދުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ ހަފްތާ ތެރޭގައި ހިނގާނީ ތަމްރީނުގެ ބައި ކަމަށާއި މި ހަތް ދުވަސް ތެރޭގައި ދަސްކޮށްދޭނީ ފިލްމު ތައްޔާރު ކުރާނެ ގޮތް ކަމަށް ދިރާގުން ބުނެއެެވެ.
އޭގެ ފަހުން ކުރިޔަށް ދާނީ ޕޯސްޓް ޕްރޮޑަކްޝަންގެ ބައި ކަަމަށާއި އެބައިގައި ދަސްކޮށް ދެވޭނީ ފިލްމް ޕްރޮޑަކްޝަނާއި ވިޑިއޯގްރަފީ އަދި ޑައިރެކްޝަން ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
ދާއިރާގެ ހުނަރުވެރި ތަޖުރިބާކާރުންގެ އެހީއާއި އެކު ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވާ ދެ ހަފްތާގެ ތަމްރީނުތައް ނިމުމުން ޕްރޮގްރާމުގެ ބައިވެރިން ގްރޫޕުތަކަށް ބަހާލައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ މައްޗަށް އަމިއްލަ ކުރު ފިލްމެއް ކޮންމެ ގްރޫޕަކުން ވެސް ތައްޔާރު ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.
އަދި މި ފިލްމުތައް މި އަހަރުގެ ފަހުގެ ތާރީހެއްގައި ރަސްމީކޮށް ލޯންޗުކޮށް ސޯޝަލް މީޑިއާ އަދި އެހެނިހެން ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން އާންމުންނަށް ދައްކާލެވޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
ފާއިތުވެދިޔަ 40 އަހަރު ދިވެހިރާއްޖެއާ އެކު މަސައްކަތް ކުރަމުން އައި ޔޫއެންޑީޕީން ބުނީ ފިލްމް ފޯ ޗޭންޖަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ ގަވަރނެންސް ޕްރޮގްރާމުގެ ދަށުން ރާވާ އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އަދި ޔޫއެންޑީޕީން މަސައްކަތް ކުރަނީ ދަތިތަކާ ކުރިމަތިލެވޭ ގާބިލް ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށާއި މި މަސައްކަތުގައި ޒުވާނުންނަށް އިސްކަންދޭ ކަމަށް ވެސް ޔޫއެންޑީޕީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ