ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަންނަ ފެބްރުއަރީގައި

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެމްބަރ އަހުމަދު ނިމާލް ވިދާޅުވީ މިހާރު ހަމަޖަައްސާފައިވާ ގޮތަށް ކަންތައް ދާ ނަމަ ޕާޓީގެ ޕްރައިމަރީ ބާއްވާނީ އަންނަ ފެބްރުއަރީ މަހު ތެރޭގައި ކަމަށާއި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށް ލިބިގެންވާކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިމާލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް ނިކުންނަ އިރު ކޮލިޝަން ހަދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ކައުންސިލުން ކަމަށާއި އަދި އެކަމަށް ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.
ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ކުރިކަމަށް ވަގުތީ ނައިބް ރައީސް އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި އެހެން ބޭފުޅުންނަށް ވެސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވުމުގެ ފުރުސަތު އޮތް ކަމަށާއި އެ ފުރުސަތު ލިިބޭނީ ޕާޓީގެ މެމްބަރަށްވެގެންކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރުގެ ރައީސް ޑރ. މުހްމަދު ވަހީދު ބޭނުންފުޅުނަމަ ޕީޕީއެމް ރިޔާސީ ޓިކެޓް އެމަނިކުފާނަށް ވެސް ލިބިވައިގެންނެވުމުގެ ފުރުސަތު އޮތް ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެފުރުސަތު ލިބިވަޑައިގަންނަވާނީ ޕީޕީއެމާ ގުޅިވަޑައިގެން ޕްރައިމަރީގައި ވާދަކުރައްވައިގެންކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ