ކަސްޓަމްސްގެ ޕްރޮމޯޝަން ދޭ އުސޫލުގެ ބައެއް މާއްދާތައް ބާތިލްކޮށްފި

މިދިޔަ އަހަރުގެ އޯގަސްޓް މަހު އަމަލުކުރަން ފެށި "ކަސްޓަމްސްގެ އާ އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާނެ އުސޫލު"ގައިވާ ބައެއް މާއްދާތައް ކަސްޓަމްސްގެ ގަވާއިދާ ފުށުއަރާ ކަމަށް ކަނޑައަޅައި އެ މާއްދާތައް ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ކަސްޓަމްސްގެ ވަޒީފާގެ ކުރިއެރުން ދިނުމާ ބެހޭ އުސޫލްގެ ބައެއް މާއްދާތައް ސިވިލް ކޯޓުން ބާތިލްކުރީ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން 2012 ވަނަ އަހަރު ގެޒެޓްކޮށް އަމަލުކުރަން ފެށި ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދާ ފުށުއަރާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ގިނަ ބަޔަކަށް ޕްރޮމޯޝަން ދިން މައްސަލާގައި އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކުރި ހުކުމުގަ އެވެ. މުހައްމަދު ޒިޔާދު ނަމަކަށް ކިޔާ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ "ކަސްޓަމްސްގެ އާ އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާނެ އުސޫލު"ގައިވާ މަގާމުތައް ކަމަށްވާ ކަސްޓަމްސް އޮފިސާ ގްރޭޑް އެކެއް، ދޭން، ތިނެއް އަދި ސީނިއާ ކަސްޓަމްސް އޮފިސާ ގްރޭޑް އެކެއް، ދޭ، ތިނެކާއި ޗީފް ކަސްޓަމްސް އޮފިސަރު، ސުޕްރިންޓެންޑެންޓް، ސީނިއާ ސުޕްރިންޓެންޑެންޓް، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް، ޗީފް ސުޕްރިންޓެންޑެންޓް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ކަސްޓަމްގެ ޝަރުތުތަކުގެ ތެރެއިން ކަސްޓަމްސްގެ ގަވާއިދާ ތައާރުޒުވާ އަދި އެ ގަވާއިދުގައި ނުހިމެނޭ އެންމެހާ ޝަރުތުތައް ބާތިލް ކަމަށް ކަނޑައަޅާ ކަމަށެވެ. ހުކުމުގައި ބުނެފައި ވަނީ ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މަގާމުގެ ޝަރުތުތަކަށް އުނި އިތުރެއް ގެންނަން ފެނިއްޖެ ނަމަ، އެކަންކުރަންޖެހޭނީ މުވައްޒަފުންގެ ގަވާއިދަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި "ކަސްޓަމްސްގެ އާ އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާނެ އުސޫލު"ގައި ބައެއް މަގާމުތަކުގެ ޝަރުތުތައް ކަސްޓަމްސްގެ ގަވާއިދާ ތައާރުޒުވާކަން ވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ހުކުމުގައި ފާހަގަކޮށްފައެއް ނުވެ އެވެ. ކަސްޓަމްސްގެ އާ އޮނިގަނޑުގެ ދަށުން މިދިޔަ އަހަރުގެ އޯގަސްޓް މަހު 400 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން ބައެއް މީހުންނަށް މަގާމުގެ ކުރިއެރުން ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ކަސްޓަމްސްގެ މުވައްޒަފުންތަކެއް ސޮއިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް އޭރު މައްސަލައެއް ވެސް ހުށަހެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ