ވާނީ ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައި ރައްޔިތުން ކުޑަހުވަދު އަށް ބަދަލުކުރަނީ
ދ. ވާނީ އަކީ ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި އެ ރަށުގެ ރައްޔިތުން އެ އަތޮޅު ކުޑަހުވަދު އަށް ބަދަލުކުރާގޮތަށް ހަމަޖައްސައިފި އެވެ. ޖުމްލަ އާބާދީގެ ގޮތުގައި 292 މީހުން ހިމެނޭ ވާނީގައި މިހާރު ދިރިއުޅެނީ 17 މީހުން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެއީ އެ ރަށުގެ ސިއްހީ މަރުކަޒާއި ކޯޓާއި ކައުންސިލްގެ މުވައްޒަފުންނެވެ. ކައުންސިލްގެ ރައީސް އާދަމް އަބްދުލް ގާދިރު މިއަދު ވިދާޅުވީ ދަރިންނަށް ކިޔަވައިދިނުމަށް އެ ރަށުގެ ގިނަ ބަޔަކު މިހާރުވެސް ދިރިއުޅެނީ ކުޑަހުވަދޫގައި ކަމަށެވެ. އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ކުޑަހުވަދޫ ހަމަޖެއްސުމާއެކު މިހާރު ތިބި މީހުން ވެސް އެ ރަށަށް ބަދަލުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. "ސަރުކާރުން ރަސްމީކޮށް ރަށެއް ކަނޑަނާޅައިގެން މި ރަށުގައި މުވައްޒަފުން ތިބީ. އިދާރީ ބައެއް ކަންކަން ނުނިމިގެން މިހާރު ބަދަލު ނުވެވިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ. ކައުންސިލުން ބުނީ އެ ރަށުގެ ރައްޔިތުންނަށް ކުޑަހުވަދޫގައި ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖެހެންދެން ކޮންމެ އާއިލާއަކަށް ކޮންމެ މަހަކު 2،000ރ. ދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށެވެ. ނަމަވެސް އެ ފައިސާ ލިބޭނީ ކުޑަހުވަދޫގައި ވަޒަންވެރިވާ ރައްޔިތުންނަށް އެކަނި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ